Last Updated: July 10, 03:51
Thursday, July 9, 2026
ޚަބަރު

މީޑީއާ ބިލުގައި އިސްކޮށް އުޅުއްވީ ނާޒިމް، އޮތީ ނުބައި އެޖެންޑާއެއް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ބިލާ ގުޅޭ އެކި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އުޅުއްވި ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މި ބިލާ ގުޅޭ އެކި ކަންކަމުގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމް އުޅުއްވިކަން ކަށަވަރުވާ ކަމަށާއި އަދި ޕާޓީއަކަށް ނިސްބަތްނުވާ އަމިއްލަ މެމްބަރެއްގެ ނަމުގައި ބިލު މަޖިލީހަށް ހުށަހެޅުމަކީ މިކަމުގެ އަޑީގައި ނުބައި އެޖެންޑާއެއް އޮތްކަން ދޭހަވާ ކަމެއް ކަމަށެވެ. އަދި މިފަދަ ބިލެއް ފަރުމާކޮށް މަޖިލީހަށް ހުށަހެޅިއިރު އެކަށީގެންވާ ގޮތެއްގައި މީޑީއާތަކާއި ނޫސްވެރިންނާ މަޝްވަރާކޮށްފައި ނުވުމުން މި ބިލު ހުށަހެޅުމުގައި ހެޔޮ ނިޔަތް އޮތް ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް ބުނެފައިވެ އެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް އެމްޖޭއޭއިން ބުނެ އެވެ. އެގޮތުން ނޫސްތައް ބަންދުކޮށް، ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ ދެކޮޅު ހަދާ ކަމެއް ކަމަށާއި އެއީ މިނިވަން ނޫސްވެރިކަން އެކީ މަރާލުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާއިން ވަކާލާތު ކުރަނީ ސަރުކާރުގެ ނުފޫޒުން އެކީ ސަލާމަތްވެފައިވާ ނޫސްވެރިން އެމީހުން އަމިއްލައަށް މީޑިއާގެ އުސޫލުތައް ކަނޑައަޅާ ރެގިއުލޭޓް ކުރާ ގޮތަށް އޮންނަ ބާރުވެރި ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ކަމަށެވެ. އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިޔުމަށް އެމްޖޭއޭއިން ވަނީ ބިލު ހުށަހެޅި މެމްބަރަށް ގޮވާލާފަ އެވެ. އަދި މަޖިލީހަށް އެ ބިލު ބަލައިނުގަނެ ބޭރުކޮށްލުމަށް ވެސް ވަނީ ގޮވާލާފަ އެވެ.