Last Updated: August 20, 05:53
Wednesday, August 20, 2025
މުނިފޫހިފިލުވުން

ރަންވީރުގެ 'ދުރަންދާރު' ގެ ޝޫޓިން ހުއްޓުމަކަށް

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގުގެ ކުރިއަށް އޮތް ފިލްމު "ދުރަންދާރު" ގެ ޝޫޓިން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އަދިތިޔާ ދާރް ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ކުއްލި ގޮތަކަށް މެދުކަނޑާން ޖެހުނީ ފިލްމުގެ ޝޫޓިންގެ މަސައްކަތް މިހާރު ކަޝްމީރު އިންޑިއާ ފަޅީގެ ލޭގައި ކުރިއަށް ދަނިކޮށް، ފިލްމުގެ ކްރޫގައި އުޅުނު ގިނަ އަދަދެއްގެ ބަޔަކު ކާނާ ވިހަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހުމުން ކަމަށެވެ.

އެގޮތުން ކްރޫގައި އުޅުނު 600 އެއްހާ މީހުންގެ ތެރެއިން 120 މީހަކު އިއްޔެގެ ވަގުތެއްގައި ކާނާ ވިހަވެގެން ސަޖަލް ނަރްބޫ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް މިޑް-ޑޭ އިން ބުންޏެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކާނާ ވިހަވި ގިނަ މީހުންނަށް ގަދަ އަށް ހޮޑުލެވި، ބޮލުގަ އާއި ބަނޑުގައި ރިއްސުން ފަދަ ކަންކަން ދިމާވެފައިވެ އެވެ.

އަދި ބައެއް މީހުންނަށް ހިތުގެ މައްސަލަތަކެއް ވެސް ދިމާވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް "ދުރަންދާރު" ގެ ޓީމުން މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މި ފިލްމަކީ މި އަހަރުގެ ޑިސެންބަރު 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. އެކްޝަން ސްޕައި ތުރިލާއެއްގެ ގޮތުގައި ހަދާ "ދުރަންދާރު" ގެ ކާސްޓްގައި ސަންޖޭ ދަތު، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް އަދި އާރް މާދްވަން ހިމެނެ އެވެ.

މި ފިލްމަކީ 2019 ގެ "އުރީ: ދަ ސާޖިޖަލް ސްޓްރައިކް' އަށް ފަހު ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ، އަދިތިޔާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.