ބޮލީވުޑްގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ގެ މަންޒަރުތަކެއް އިންޑިއާ އިން ބޭރުގައި ނަގަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ރަންބީރް ކަޕޫރާއި އޭނަގެ އަންހެނުން އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލް މައިގަނޑު ރޯލުތައް ކުޅޭ މި ތިނެސްކަން ލޯބީގެ ފިލްމުގެ މަންޒަރުތަކެެއް ނަގާނެ ކަމަށް ބެލެވެނީ އިޓަލީގައި ކަމަށެވެ. އެގޮތުން ލޮކޭޝަންތަކެއް ހަންޓް ކުރަން ބަންސާލީ ދާދި ފަހުން އިޓަލީ އަށް ވެސް ދަތުރެއްކޮށްފައިވާ ކަމަށާއި "ލަވް އެންޑް ވޯ" ގެ މަންޒަރުތަކެއް ނަގާނެ ކަމަށް ބެލެވެނީ އިޓަލީގެ ވެރިރަށް، ރޯމްގައި ކަމަށް މީޑިއާތަކުން ބުންޏެވެ.
އަދި އިތުރު މަންޒަތުތަކެއް ޔޫރަޕްގެ އެހެން ގައުމެއްގައި ވެސް ނަގައިފާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުނެ އެވެ.
"ލަވް އެންޑް ވޯ" ވާނީ 26 އަހަރު ފަހުން ބަންސާލީގެ ފިލްމެއްގެ މަންޒަރުތަކެއް އިންޑިއާ އިން ބޭރުގައި ޝޫޓްކުރާ ފުރަތަމަ ފަހަރަށެވެ. ބޭރުގައި މަންޒަރުތަކެއް ނެގި އޭނަގެ ހަމައެކަނި ފިލްމަކީ 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އެވެ. ސަލްމާން ޚާނާއި އައިޝްވާރިއާ ރާއީގެ އިތުރުން އަޖޭ ދޭވްގަން ލީޑް ރޯލު ކުޅުނު އެ ފިލްމުގެ މަންޒަރުތަކެއް ނެގީ ހަންގޭރީގަ އެވެ.
އެކަމަކު ފިލްމުގައި އެ މަންޒަރުތައް ދައްކުވައި ދިނީ އިޓަލީގެ ދަތުރެއްގެ ގޮތުގަ އެވެ.
މީޑިއާތަކުން ބުނީ "ލަވް އެންޑް ވޯ" ގެ ޝޫޓިން މިހާރު ގޮސްފައިވާ ހިސާބަށް ބަލާ އިރު، ބާކީ އޮތީ 90 ދުވަސް ނުވަތަ ތިން މަސް ދުވަހުގެ ޝޫޓިން ކަމަށެވެ.
މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ މަހުގެ 28 ގައި ފާހަގަކުރާ ރަންބީރްގެ 43 ވަނަ އުފަން ދުވަހު "ލަވް އެންޑް ވޯ" ގެ ފަސްޓްލުކް ދައްކައިލާނެ ކަމަށް ބެލެވެ އެވެ.
ކާމިޔާބު އަދި އެހާމެ ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ އާލިއާ އަށް ނެޝަނަލް އެވޯޑް ލިބުނު 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ.