ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މަޖިލީހަށް ހާޒިރުވެވަޑައިގެން ދޮގު ހެއްދެވި ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި އިމްތިޔާޒްގެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
އެ މައްސަލައަށް ބަހުސް ކުރައްވަން ނުފެންނަ ކަމަށް 38 މެންބަރަކު ވޯޓު ދެއްވި އެވެ. އެ މައްސަލައަށް ބަހުސްކުރަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 8 މެންބަރެކެވެ.
މީކާއިލް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލަ އަކީ މި މަހުގެ 13 ވަނަ ދުވަހު މަޖިލީހަށް މިނިސްޓަރު ހާޒިރުވެވަޑައިގެން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަށް ހަލީލް ޖަވާބު ދެއްވުމުގައި ދޮގުހައްދަވާފައިވާ ވިދާޅުވެ ހުށަހެޅުއްވި މައްސަލައެކެވެ.
އެ ދުވަހު "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭ ގޮތުން ހަލީލު ވިދާޅުވީ އެ އިބާރާތް ލިޔެފައި އިން ޓީޝާޓެއް ތުރުކުރައްވައިގެން ކެމްޕޭން ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެދާނެ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި ހަލީލު ހައްދަވާފައިވަނީ ދޮގެއް ކަމަށާއި އެކަމުގެ ހެކިތައް ސޯޝަލްމީޑިއާ އިން ފެންނަމުންދާ ކަމަށެވެ.
އެގެންވެ މައްސަލައާއެކު މީކާއިލް ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހަލީލު ހުންނެވި މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހުށަހަޅުއްވައިފަ އެވެ.