ރައްޔިތުންގެ މަޖިލީހުގެ މިއަަހަރުގެ ދެވަނަ ދައުރު މިއަދު ނިންމާލައިފި އެވެ.
ދައުރު ނިންމައިލި އިރު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު މަޖިލީހުގެ މިއަދުހެ ޖަލްސާ އަށް ހުށަހަޅައި ބަހުސްތަކެއް ވެސްކޮށްފައިވެ އެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އެ ބިލަކީ މީޑިއާތައް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލެކެވެ.
މަޖިލިސް ނިންމަވައިލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ފުރަތަމަ ކިޔުން އިއްވައި އިބުތިދާއީ ބަހުސް ފަށާފައިވާ މީޑިއާގެ ބިލަށް ހުރިހާ މެންބަރުންވެސް ވާހަކަ ދައްކަވަން ބޭނުންވާ ކަމަށެވެ. އަދި މިހާތަނަށް ވާހަކަ ދެއްކެވި މެންބަރުންގެ ވާހަކައިން އެ ބިލު އިތުރަށް ދިރާސާކުރަން ބޭނުންވާކަން ހާމަވާ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ގަސްތުކުރަނީ މި ބިލުގެ ބަހުސް މިއަދަށް ނިންމާލަން، ނިންމާލާފަ އިއްޒަތްތެރި މެންބަރުން ބިލު ރަނގަޅަށް ދިރާސާކުރައްވައިގެން ވަޑައިގެން މި ބިލަށް ހަގީގަތުގެ މައްޗަށް ވާހަކަދައްކާނެ ޖާގަ ދިނުމުގެ ގޮތުން މިހާ ހިސާބަށް މިއަދަށް މި ބިލުގެ ބަހުސް އަޅުގަނޑު ނިންމާލާނަން." އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ދައުރު ނިންމައިލި އިރު 7 ބިލުގެ މަސައްކަތް ނިންމައި ފާސްކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު މި މަހުގެ 21 ގެ ނިޔަލަށް ދަންމާލަން މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މި މަހުގެ 15 އަށް މި ދައުރު ނިމޭނެ އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ.
* ފުރަތަމަ ދައުރު: ފެބްރުއަރީ 1 އިން މެއި 15 ގެ ނިޔަލަށް
* ދެވަނަ ދައުރު: ޖޫން އިން އޮގަސްޓް 15 ގެ ނިޔަލަށް
* ތިން ވަނަ ދައުރު: އޮކްޓޯބަރު 1 އިން ނޮވެމްބަރުގެ ނިޔަލަށް
ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު އެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހު އެވެ.