ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، މީޑިއާތަކުން ބްރޯޑްކާސްޓުކުރުން ހުއްޓުވޭ ގޮތަށް ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުގައި ރައީސުލްޖުމްޙޫރިއްޔާ އައްޔަންކުރާ ތިން މެންބަރަކު ހިމެނޭ ގޮތަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ގޮވާލައިފި އެވެ.
އެ ބިލު ހުށަހެޅުއްވީ ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން'ގެ ބިލަކީ މެންބަރު ހަންނާން ކުރިން ހުށަހެޅުއްވި ބިލެކޭ އެއްފަދައިން ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެން ދާނޭ ބިލެއް ކަމަށެބެ. އަދި، އެ ބިލު އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމުގެ ބޮޑެތި ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކޮށް، މީޑިއާތައް ސަރުކާރުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެސް، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ބޭއްވުމުގެ ފަލްސަފާގައި ކަމަށް ބުންޏެވެ.
އެމްޖޭއޭ އިން ބުނީއި ނޫސްވެރިންނާއި މީޑިއާތައް ކުށްވެރިވާ ގޮތަށް ހުރި މާއްދާތަކުގައި މާނަ ސާފުނުވާ އިރު، ނާޖާއިޒު މަންފާ ނެގޭނޭ ފަދަ ގިނަ އިބާރާތްތަކެއް ބިލުގައި ހިމަނާފައިވާ ކަމަށެވެ. އަދި، ނޫސްތައް ބަންދުކޮށް، ޖޫރިމަނާކޮށް ނޫސްވެރިންނަށް ބޮޑެތި އަދަބުތަކެއް ދޭން އެ ބިލުގައި ހިމަނާފައިވުމަކީ ދެކޮޅު ހަދާ ކަމެއް ކަމަށާއި އަދި އެއީ މިނިވަން ނޫސްވެރިކަން އެކީ މަރާލުން ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުން ތިއްބަވައި އަދި އެ މަނިކުފާނު ކަނޑައަޅުއްވާ ރައީސެއް ހުންނަވާ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓްކުރުމަކީ އެއްވެސް ގޮތަކުން ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް އެމްޖޭއޭ އިން ބުންޏެވެ. އަދި މީޑިއާތަކުން ކޮމިޝަނަށް އިންތިޚާބުކުރާ މެންބަރުން ވެސް މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ވެސް ނޫން ކަމަށް ބުންޏެވެ.