Last Updated: August 21, 22:37
Thursday, August 21, 2025
ޚަބަރު

ހިމަންދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ފަށައިފި

އއ. ހިމަންދޫ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދުު މުއިއްޒު މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން ފުރަތަމަ ރަށަކަށް ހިމަންދު އަށް ވަޑައިގެންގެނެވެ.

އެގޮތުން ހިމަންދޫ ޕޮލިސް ސްޓޭޝަންގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ.

އަރިހުގައި ޕޮލިސް ކޮމިޝަނަރު އިސްމާޢިލް ނަވީން އާއި އެ މަޝްރޫއު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަ (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމްގެ އިތުރުން ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް ވެސް ބައިވެރިވެވަޑައިގަތެވެ.

ހިމަންދޫ ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން ފެށި އިރު، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 57 ރަށެއްގެ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމުމެވެ. މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަމުންދާ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން މިވަގުތު ޖުމްލަ 85 ރަށެއްގެ ޕޮލިސްޓޭޝަންތަކުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދެ އެވެ.

އަތޮޅުތަކުގައި ޕޮލިސްޓޭޝަންތައް އެޅުމަށް ކުރިއަށް ގެންދާ މަޝްރޫޢަކީ 681،501،117.51ރ. ގެ މަޝްރޫޢެކެވެ.