Last Updated: August 21, 22:37
Thursday, August 21, 2025
ޚަބަރު

ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރަން ގޮވާލައިފި

ކުށް ކުރާ ކުދިން އިތުރުވަމުންދާ ކަމަށާއި އެހެންވެ ހެޔޮ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަށް ފުލުހުން ގޮވާލައިފި އެވެ.

ކުށްކުރާ ކުޑަކުދިން އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ފުލުހުންގެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން ދުވަހުން ދުވަހަށް ކުރިއަށް ގެންދާ ޕެޓްރޯލިިންތަކުގައި ކުށްކުރާ ތަންތަނުން ފެންނަ ކުދިންގެ އަދަދު އިތުރުވަމުން ދިއުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފުލުހުން ބުނީ މިކަމުގެ ސަބަބުން ކުދިން ގްރޫމިންގެ ޝިކާރައަށްވެ ރައްކާތެރި ނޫން ހާލަތްތަކާ ފުރުސަތު އިތުރުވެ، ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުން ފަދަ ކަންކަމަށް ހިތްވަރު ވެސް ލިބެމުންދާ ކަމަށެވެ. އަދި މައިންބަފައިންނާ ނުރުހުންވެ، ގެއިން ފިލައިގެން، ގެއިން ނުކުމެ މަސްތުވާތަކެތީގެ ވަބާ އަށް ވެސް ހުށަހެޅި އެ ނޫން ވެސް ގާނޫނާ ހިލާފު ކަންކަމަށް ކުދިން ހުށަހެޅެމުންދާ ކަމަށެވެ.

އެހެންވެ މިފަދަ ކަންކަމަށް މައިންބަފައިންނާ ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން އުޅޭ ތަންތަން ބެލުމަށާއި ޒިންމާދާރުކަމާ އެކު މައިންބަފައިންގެ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުށްތައް ކުރާ ކަމަށް ފާހަގަވާ ސަރަހައްދުތަކުން ކުދިން ފެންނަ މިންވަރު އިތުރުވާތީ އެފަދަ ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، މޮނީޓަކޮށް ބަލަހައްޓަމުން ދާނެ ކަމަށެވެ.

"ކުޑަކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް، އެ ކުދިންނަކީ ޒިންމާދާރު ހެޔޮލަފާ، ހުލްގު ހެޔޮ ބައެެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށްޓަކައި އެންމެހާ މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން ކަމާ ގުޅުން ހުރި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރުމަށް ގޮވާލަން." ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ވަނީ ކުޑަކުދިންނާ ގުޅުން ހުރި އެއްވެސް ކަމެއްގައި އެހީތެރިކަން ބޭނުންވާ ނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ނަންބަރު 9790163 ނުވަތަ ވިކްޓިމް ސަޕޯޓްގެ ނަންބަރު 9770640 އަށް ގުޅުމަށް އެދިފަ އެވެ. އަދި ކުއްލި ހާލަތެއްގައި ނަމަ 911 އަށް ގުޅުމަށް ވެސް ފުލުހުން އެދިިފައިވެ އެވެ.