ރާއްޖޭގައި ދިރިއުޅޭ ޗައިނާ މީހުންނަށް އަމާޒުކޮށްގެން ސްކޭމެއް ހިންގަމުންދާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންނަށް އަމާޒުކޮށްގެން ހިންގާ އާ ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ވެފައިވާ ކަމަށެވެ. އެ ސްކޭމް ހިންގަނީ ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެންކަމަށް ފުލުހުން ބުންޏެވެ.
އެގޮތަށް މަކަރާއި ހީލަތް ހަދާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ، ހާއްސަކޮށް ޗައިނާގެ ރައްޔިތުންނަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ސްކޭމްތައް ހިންގާ މީހުން ރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކަށް ގުޅައި، ހާއްސަކޮށް ޓެދާ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކަށް އަމާޒުކޮށް އެފަރާތްތަކަށް އޮޅުވާލައި ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ ނުވަތަ ޗައިނީޒް ޔުއާން ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅާ ކަމަށެވެ. އަދި ސްކޭމަރުން، ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފާ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެއް ކަމަށާއި އެހާ ހިސާބުން ސްކޭމް ފެށިގެންދާ ކަމަށް ފުލުހުން ބުނެ އެވެ.
ސްކޭމް ހިންގާ ފަރާތުން މަސައްކަތް ކުރަނީ، ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުވުމަށް ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީ މީހާ އެ މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައިވާ ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެންކަމަށް ފުލުހުން ބުންޏެވެ.
ދެ ފަރާތް ބައްދަލުވުމުން ބިދޭސީ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކުރާ ކަމަށާއި، ފައިސާ ގުނައި ޗެކްކުރުމަށްފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ ސްކޭމަރަށް ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފާ ކުރާކަމަށް ފުލުހުން ބުންޏެވެ. އަދި ޓްރާންސްފާ ކުރުމަށްފަހު ބިދޭސީ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާ ނުކުރާކަމަށް ފުލުހުން ބުންޏެވެ.
އޭގެ ބަދަލުގައި ކްރިޕްޓޯ ކަރަންސީ ސްކޭމް ހިންގާ ފަރާތުގެ، އެކައުންޓަށް ޖަމާކޮށް އަދި ޔޫއެސްޑީޓީ ވިއްކާ ފަރާތާއި ބިދޭސީ މީހާއާ ދެމެދު ހިލާފު އުފަދޭ ގޮތަށް ކަންކަން މެދުވެރިކުރުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެކަމަށް ސަމާލުވުމަށާއި އެއްވެސް މީހަކާ މާލީ މުއާމަލާތެއް ކުރާނަމަ، އެމީހަކީ ކާކުކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ، ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުފޮނުވަންވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ބުނީ އެކަހަލަ ހުށަހެޅުމެއް މީހަކު ހުށަހަޅައިފި ނަމަ އަދި މާލީ މުއާމަލާތެއް ހިންގުމުގައި ޝައްކެއް އުފެދިއްޖެ ނަމަ ނުވަތަ މިފަދަ މަކަރުވެރި އަމަލެއްގެ ޝިކާރައަކަށް ވެއްޖެ ކަމަށް ގަބޫލުކުރެވޭ ނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ގުޅައި ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.