މީޑީއާ ދެކެ އެއްވެސް ވަރަކަށް ބިރު ނުގަންނަ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަނުގެ ބިލަށް ބަހުސްކުރައްވަމުން އައިބީ ވިދާޅުވީ މީޑިއާއަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ނަމަވެސް މީޑިއާއަށް ވެސް ވަކި އުސޫލެއް އޮންނަންޖެހޭނެ ކަމަށެވެ. އަދި ދޮގު ވާހަކަތައް ފަތުރާނަމަ މީޑިއާތަކުގެ މައްސަލަ ވެސް ބެލެންޖެހޭނެ ކަމަށް އައިބީ ވިދާޅުވި އެވެ.
"މީޑިއާ ވަކި ކޮން ތަނަކުން އައި ބައެއްތަ؟ މަތިން ފައިބައިގެން އައި ބައެއްތަ މީޑިއާއަކީ. މީޑިއާގެ މައްސަލަ ވެސް ބެލެންޖެހޭނެ. މީޑިއާ ވެސް ޖަވާބުދާރީވާންޖެހޭނެ. މީޑިއާ ރެގިއުލޭޓް ކުރެވެންޖެހޭނެ. މީޑިއާ މި ތާނގައި އެބަ ތިއްބެވި. އަޅުގަނޑުމެން މީޑިއާދެކެ ބިރެއް ނުގަނޭ. އަޅުގަނޑުމެން އެއްވެސް ވަރަކަށް ބިރެއް ނުގަނޭ،" އައިބީ ވިދާޅުވި އެވެ.
އައިބީ ވިދާޅުވީ މީޑިއާގެ މިނިވަންކަން ނިގުޅައިގަންނަން ނޫޅޭ ކަމަށާއި އޭގެ ބަދަލުގައި މީޑިއާއަށް ފުރިހަމައަށް ބާރުދޭން ބޭނުންވާ ކަމަށެވެ. ނަމަވެސް މީޑިއާ ވެސް ވާންޖެހޭނީ ރައްޔިތުންނަށް އިހުތިރާމްކުރާ ބަޔަކަށް ކަމަށާއި ރައްޔިތުންގެ ވާހަކަތައް މީޑިއާގައި ލިޔަންޖެހޭނީ ހަގީގަތާ އެއްގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވަނީ ބިލު ދިރާސާކޮށްފައި މެންބަރުން ބަހުސް ކުރުމަށް ޖާގަ ދިނުމުގެ ގޮތުން އަންނަ ދައުރަށް ބަހުސްގެ ބާކީ ބައި ކުރިއަށް ގެންދަން ނިންމާފަ އެވެ.
މި ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ގޮވާލާފަ އެވެ.