ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މީޑިއާ ބިލަކީ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ޙަމަލާއެއް ކަމަށެވެ.
"މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވަނީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ.
މަޖިލީހަށް ހުށަހެޅި މި ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.
އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.