ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށް ޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައަޅުއްވައި މީޑިއާތަކަށް ހަމަޖެއްސެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އެކުލަވާލެއްވި އުސޫލެއް ކަމަށެވެ. މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު މިއަދު ވަނީ ސަރުކާރު ގެޒެޓުގައި އާންމުކޮށްފަ އެވެ.
މިއަދު ގެޒެޓުކުރި މި އުސޫލުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ.
މި އުސޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް ނިންމައި، ރައީސް އިއުލާނުކުރެއްވި ގޮތަށް، މިއަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ދައުލަތުގެ ބަޖެޓުގައި، ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 (ސުމެއް ޕޮއިންޓު އެކެއް) އިންސައްތައަށް ވާ މިންވަރަށް ފައިސާ ދޫކުރަން ކަނޑައަޅާފައިވެ އެވެ.
މިއާއެކު ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ދެފުށް ފެންނަ، ޒިންމާދާރު އުސޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެންދާނެކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިގާލީ މަރުޙަލާގައި، ރާއްޖޭގެ ހުރިހާ މީޑިއާތަކާއެކު "މީޑިއާ ގުންޒަރު"ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މީޑިއާގެ ކަންކަން ގެންދާނެ ގޮތުގެ ހިޔާލު ހޯއްދަވައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން މީޑިއާތަކަށް ދެއްވާފަ އެވެ.
އެގޮތުން އެ ރޭ އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ދައުލަތުގެ ބަޖެޓުން އިންސައްތައެއް ކަނޑައަޅުއްވައި، އެ މިންވަރު މީޑިއާތަކަށް ހަމަޖެއްސެވުމުގައި ދެފުށް ފެންނަ، ޒިންމާދާރު އުސޫލެއް އެކުލަވާލައްވާނެކަން އިއުލާންކުރައްވާފަ އެވެ.