Last Updated: July 10, 00:09
Thursday, July 9, 2026
ޚަބަރު

ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމާ ނަޝީދު ދެކޮޅު

ކުރީގެ ރައީސް މުހައްމަދު ނަޝީދު-

ބ. ގޮއިދޫ ފަޅުގެ އެތެރެވަރި ހިއްކައިގެން ރިސޯޓެއް ހެދުމާއި ދެކޮޅުކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ގޮއިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ ބިޑް އެވޯޑުކޮށްފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ގޮއިދޫ އަތޮޅު އެތެރެވަރި ހިއްކައިގެން ރިސޯޓް ހެދުމަށް ވުރެ، އެތަން އެ އޮތްގޮތަށް ބާއްވައި ބެލެހެއްޓުމުން އަތޮޅަށް ލިބޭނެ ތަނަވަސްކަމާއި ފައިދާ މާބޮޑުވާނެ ކަމަށެވެ.

"ރިސޯޓަށް ވުރެ ގެސްޓްހައުސް ވިޔަފާރިން ރަށަށް ވަންނަ ފައިސާ އާއި މަންފާ މާ އިތުރުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ އެ ސަރަހައްދުގައި ކޮންމެހެން ރިސޯޓެއް ތަރައްޤީކުރަން ވެއްޖެނަމަ، ގޮއިފުޅަ ފެހެންދޫ އިން ކޮންމެވެސް އެއް ރަށެއްގެ ބައިގައި ރިސޯޓެއް ތަރައްޤީ ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.