Last Updated: July 10, 00:09
Thursday, July 9, 2026
ޚަބަރު

އީއާރުއޭގެ އިސްވެރިޔަކަށް ހައްސާން

އެންވާރްމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ އިސްވެރިޔަކަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން މުހައްމަދު އައްޔަންކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އީޕީއޭގެ ނަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށް، އެ އިދާރާ، ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ. އެ އޮތޯރިޓީ ހިންގުމުގެ އެންމެ އިސްވެރިޔަކު ހޯދަން އިއުލާންކުރީ އިއްޔެ އެވެ.

އީއާރުއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ހައްސާން އެ މަގާމަށް އައްޔަން ކުރިކަން އިއުލާނުކޮށް އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

އެ މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00ރ. އާ އެކު ޖުމްލަ 35،500ރ. ލިބޭނެ އެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތަށް ބަދަލު ގެނައީ، އީޕީއޭ އިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކެއް ކަމަށްވާތީ، އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމުގެ އިތުރުން، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމުގެ ބޭނުމުގައި ކަމަށެވެ.

އީޕީއޭ އުފެއްދީ ރިޔާސީ ގަރާރަކުން 2008 ވަނަ އަހަރެވެ.