Last Updated: August 20, 05:53
Wednesday, August 20, 2025
ޚަބަރު

ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ހަމަޖައްސަނީ

މާފަރު ފަޅަކީ އއ. ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފެރިދޫގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑް ތަރައްޤީކުރާނީ މާފަރު ފަޅުގައި ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ބަރޯސާވާ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަޞީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ފެރިދޫއަކީ އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށް ވުމާއެކު، ސިއްޙީ މަރުކަޒުގެ ބިނާރާއި އިންސާނީ ވަސީލަތްތައް ހަރުދަނާކުރެއްވުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާނޭކަމަށް ރައީސް ވިދާޅުވި އެވެ.

ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ނެރުގެ މައްސަލައަށްވެސް މި އަހަރު ޙައްލެއް ހޯއްދަވައިދެއްވާނޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

ރަށުގައި އަޅާ މިސްކިތުގެ މަސައްކަތް މިހާރު އޮތީ، ބިން ކަނޑައެޅުމާ ހިސާބުގައިކަން ފާހަގަކުރައްވައި، އެ ކަމުގައި އުފެދިފައިވާ ޚިލާފު ނައްތާލުމުގެ ގޮތުން ރައްޔިތުންގެ ވޯޓެއް އަލުން ނެގުމަށްފަހު، ބިން ކަނޑައެޅުނުހާ އަވަހަކަށް، މިސްކިތުގެ މަސައްކަތް ފެށޭނޭކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޤުރުއާނާބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފުރިހަމަވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ފުލުހުންގެ މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފެރިދޫގައި ފެށި ނަމަވެސް، އެ އިމާރާތް އެޅެންދެންވެސް ރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށްޓަކައި ރަށުގައި ޤާއިމުވެ ތިބޭނޭ ތިން ފުލުހުން، މި ހަފުތާގެ ތެރޭގައި ފެރިދޫއަށް ފޮނުއްވާނޭކަމަށް ރައީސް ވިދާޅުވި އެވެ.