އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކާ ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު، އަތޮޅު ކައުންސިލެއް ހޮވަން ވޯޓެއްލާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށާއި އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ސީދާ ދެން މަސައްކަތް ކުރާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ކަމަށެވެ. މިކަން ކުރުމަށް އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުން ބާރުވެރިކުރުވަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރަށް ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލުވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ގާނޫނު އަސާސީ އިސްލާހުކުރާނީ 2،000 މީހުންނަށް ވުރެ މަދުން އުޅޭ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭގޮތަށް އަދި 2،000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީތަކުގައި 5 މީހުންގެ ކައުންސިލަރުން ތިބޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބައެއް ސިޓީތަކަށް ވެސް ކުދިކުދި ބަދަލުތައް ވެސް އަތުވެދާނެ ކަމަށް ވިދާޅުވި އެވެ.
މިއީ ލާމަރުކަޒީ ނިޒާމު އިތުރަށް ޗެމްޕިއަން ކުރުމަށް ގެންނަ އިސްލާހުތަކެއް ކަމަށާއި ރާއްޖޭގައި މިހާރު އޮތީ ބަރުހެލި ނިޒާމެއް ކަމަށްވާއިރު، އިސްލާހުތައް ގެންނަނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ނިޒާމު ބައްޓަން ކުރުމުގެ ބޭނުމުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.