އއ. މަތިވެރީގެ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިރޭ ހަވާލުކޮށްފި އެވެ.
މަތިވެރީ ފަޅު ހިއްކައިގެން އެ ތަނުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގަ އެވެ.
އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިން އެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަތިވެރީގައި ބިން ހިއްކާ އެއާޕޯޓްގެ މަސައްކަތް އެމްއެސީއެލްއިން ކުރާނީ އެ ކުންފުނިން އަމިއްލައަށް އިންވެސްޓްކޮށްގެން ކަމަށެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރުން ހިމެނޭހެން އެރަށުން 26.5 ހެކަޓުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ބިމުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެހެނިހެން މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ބިން ހިއްކުމާއި އެއަޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް 2 އަހަރާ 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.