މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަރަށް ސީރަސްކަންމަތީގައި ކަމަށާއި ހުރިހާ ވައުދުތަކެއް ފުއްދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާ ކޮންމެ ވައުދަކީ އަމާނާތެއް ކަމަށާއި އެއީ ކުރަންޖެހޭނެ ކަމެއްކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ.
"ހުރިހާ ރަށެއްގައި ވެސް އަޅުގަނޑު ވައުދު ވަނީ އެ ބޭނުމުގައި، އެ ނިޔަތުގައި، އެ އަޒުމުގައި. އެގޮތަށް މުޅި ސަރުކާރު މަސައްކަތް ކުރަމުން މިދަނީ. ހުރިހާ ވުޒާރާތައް ހުރިހާ ކުންފުނިތައް ހުރިހާ ފަރާތްތައް، ރަށްރަށުގައި މަސައްކަތްކުރާ ފަރާތްތައް ވެސް އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން ވެސް ހުރިހާ ފަރާތްތައް ގުޅިގެން މި ކުރަނީ ވައުދު ފުއްދުމުގެ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި ފެށިފައިވާ ކަމަށާއި އަދި ނިމެމުންވެސް ދާ ކަމަށެވެ.
"ހަމަ ވައުދު ލިސްޓު ނަގައިގެން ވައުދު ފުއްދުމުގެ މަސައްކަތް މި ކުރަނީ. އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން އެބައޮތް އިރާދަކުރެއްވީތީ އެއްވެސް ޝައްކެެއް ނެތި އަޅުގަނޑު ވީ ހުރިހާ ވައުދެއް މި ދައުރުގެ ތެރޭގައި ފުއްދައި ނިންމާނަން،" ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނަށް ހުރިހާ ވައުދެއްވީ ވަރަށް ސީރިއަސްކަމާއެކު ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ސީރިއަސްކަންމަތީ ހެޔޮ ނިޔަތާއެކު ކަމަށް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުގައި އޮތީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ނިޔަތް ކަމަށާއި ނަތީޖާ ނެރެދިނުން ނޫން އެހެން އެއްވެސް އިންޓަރެސްޓެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.