ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ޚާއްސަ ރަށެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޕިކްނިކް އައިލެންޑެއް ހަދައިދިނުމަށް ގިނަ އަތޮޅުތަކަކުން އެދޭ ކަމަށާއި ހާއްސަކޮށް ޓޫރިޒަމް ފުޅާވަމުންދާ ރަށްރަށުންނާއި އަދި ޕިކްނިކް ހަދަން ދާނެ ތަނެއް ނެތް ރަށްތަކުން ވެސް މިފަދަ ހުށަހެޅުންތައް ލިބެމުންދާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ވަރަށް އަވަހަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި އެ އަތޮޅެއްގެ ރައްޔިތުންގެ އެކިއެކި ގެސްޓްހައުސްތަކާއި މިކަހަލަ ތަންތަނަށް އަންނަ ގެސްޓުން ޕިކްނިކް ދިއުމާއި އެކަހަލަ ބޭނުންތަކަށް ސަރުކާރުން ތަރައްގީކޮށްދީފައި އޮންނަ ޕިކްނިކް އައިލެންޑެއް. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާއިލާތައް ޕިކްނިކް ދާނެ ތަނެއް ނެތީމުން ރަށްރަށުގެ ރައްޔިތުންނަށް މިހާރު ވަރަށް އުނދަގޫވާ ކަމަށާއި އަދި ގިނަ ރަށްރަށުގައި ގެސްޓްހައުސްތަކުގެ ގެސްޓުން ގެންދާނެ ތަނެއް ވެސް ނެތް ކަމަށެވެ.
"މިހެން ދެންނެވިޔަސް އަޅުގަނޑުމެން ބައެއް ރަށްރަށުގައި އެ ރަށަށް ހާއްސަކޮށް ވެސް ޕިކްނިކް އައިލެންޑް އެބަ ޑިވެލޮޕް ކޮށްދެން. އޭގެ އިތުރަށް ކޮންމެ އަތޮޅަކަށް އެއް ރަށް ސަރުކާރުން ތަރައްގީކޮށްދީ، ޕިކްނިކް ދެވޭގޮތަށް ހަމަޖައްސައިދިނުމުގެ މަޝްރޫއެއް އެބަ ފަށަން. އެ މަޝްރޫއާ ބެހޭ ދިރާސާތައް މިހާރު އެބަ ހިނގާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ވަރަށް އަވަހަށް އެކަމާ ގުޅޭ ދިރާސާތައް ނިންމައި، ކެބިނެޓުގެ މަޝްވަރާތަކަށް ފަހު މަޝްރޫއު ފަށާނެކަމަށް ވެސް ވިދާޅުވެފަ އެވެ.