އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް އއ. އަތޮޅުގައި ވެސް ފަށައިފި އެވެ.
އެ އަތޮޅު ކައުންސިލްގައި އެ ހިދުމަތް ފެށީ އިއްޔެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ޑީއެންއާރް) އިން ބުންޏެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން އެ ހިދުމަތް މުޅި ރާއްޖެ އަށް ތައާރަފު ކުރަން އަމާޒު ހިފާފައިވެ އެވެ.
އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ރާއްޖޭއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ގައުމަކީ މެލޭޝިއާ އެވެ.