Last Updated: August 22, 22:24
Friday, August 22, 2025
ޚަބަރު

އެޗްޑީސީގެ ލީގަލް ޑިޕާޓްމަންޓްގެ ވެރިއަކަށް ޝަހީދު

ހައި ކޯޓުގެ ފަނޑިޔާރުކަމަށް މި ސަރުކާރުން އައްޔަން ކުރަން އުޅުނު މުހައްމަދު ޝަހީދު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ލީގަލް ޑިޕާޓްމެންޓުގެ ވެރިޔަކަށް ހަމަޖައްސައިފި އެވެ.

ޝަހީދަކީ މިދިޔަ މަހާ ހަމައަށް ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އޭނަ އަކީ ކުރިން ޕީޕީއެމްގެ ޕޯޑިއަމްތަކުން ވެސް ފެނިފައިވާ ސިޔާސީ އެކްޓިވިސްޓެކެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު ކުރިމަތިލުމުން، އެ މަގާމަށް އޭނާ އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ މަހުގެ 30، ގައި ފާސްކުރި އެވެ. ނަމަވެސް ހައި ކޯޓުގެ ފަނޑިޔާރުކަމަށް އޭނާ އައްޔަން ކުރަން ފާސްކުރުމާއެކު ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުން ހުއްޓުވަން ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ.

އެކަމާ ގުޅިގެން އޭނަ ފަހުން ވަނީ އަމިއްލަ އަށް ނަން ގެންދަވައިފަ އެވެ.

އެޗްޑީސީގެ ލީގަލް ޑިޕާޓުމެންޓުގެ ވެރިޔަކަށް ޝަހީދު ހަމަޖެއްސި އިރު، ކުރިން އެ ކުންފުނީގެ ލީގަލް ޑިޕާޓްމަންޓްގެ ވެރިޔަކަށް ހުންނެވީ ޑރ. ފާތުމަތު ޝިއުނީ އެވެ. އޭނާ އެ މަގާމުން މި މަހުގެ ކުރީކޮޅު ސަސްޕެންޑް ކުރުމަށް ފަހު މިހާރު ހުންނެވީ އެ އެޗްޑީސީފެ އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފަ އެވެ.

ޝިއުނީގެ އިތުރުން ވެސް އެޗްޑީސީގެ އިތުރު ހަތަރު މެންބަރަކު ސަސްޕެންޑު ކުރި އެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ. އެގޮތުން ސަސްޕެންޑު ކުރި މުވައްޒަފުންގެ ތެރޭގައި ޗީފް ޕްލޭނިން އޮފިސަރަކަށް ހުންނެވި އަހުމަދު ޒިނަފު އަދި ޗީފް ހިއުމަން ރިސޯސަސް އޮފިސަރު މުހައްމަދު އިލްހާމް ހިމެނެ އެވެ.