މަހޭޝް މަންޖްރޭކަރް ލިޔެ ޑައިރެކްޓްކޮށް އަދި ކުޅެ މިދިޔަ އަހަރު ރިލީޒްކޮށް، ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު މަރާޓީ ފިލްމު "ޖޫނާ ފަރްނީޗާ" ގެ ހިންދީ ރިމޭކް ސަންޖޭ ދަތަށް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ބުނީ ސަންޖޭގެ ސޮއި ހޯދަން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި އެއަށް އޭނަ އެއްބަސްވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް ބޮލީވުޑްގެ ޙަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުންޏެވެ. ސަބަބަކީ "ޖޫނާ ފަރްނީޗާ" އަކީ ސަންޖޭ އަށް ފިލްމުފެއާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނު ފިލްމު 1999 ފިލްމު "ވާސްތާވް" ގެ ޑައިރެކްޓަރުގެ ފިލްމަކަށްވުމެވެ.
ސަންޖޭއާ ވަރަށް ގާތް އެކުވެރި ކަމެއް ވެސް އޮންނަ މަހޭޝް، 66 އަހަރުގެ އެކްޓަރާ އެކު ގެނެސްދީފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ކުރްކްޝެތުރާ (2000)، ހަތިއާރު (2002)، ޕިތާހް (2002)، ރަކްތު (2004)، ވިރުދު (2005) އަދި ވާ! ލައިފް ހޯ ތޯ އޭސީ (2005) ހިމެނެ އެވެ.
މިދިޔަ އަހަރުގެ އެޕްރީލްގައި ރިލީޒްކުރި "ޖޫނާ ފަރްނީޗާ" އަކީ އާއިލާ ތެރޭގައި ދިމާވާ ފައިސާގެ މައްސަލަގަނޑަކާ ހެދި އުމުރުން ދުވަސްވީ މީހަކު އޭނަގެ ފިރިހެން ދަރިފުޅުގެ މައްޗަށް ކުރާ ދައުވާއަކާ ގުޅިގެން ހިނގާ ހާދިސާތަކެއް ދައްކުވައިދޭ ޑްރާމާ ފިލްމެވެ.
މީގެ ހިންދީ ރިމޭކް ސަންޖޭ އަށް ހުށަހެޅީ، މަހޭޝް ކުޅުނު ދުވަސްވީ ބައްޕައެއްގެ ކެރެކްޓާ ސަންޖޭ ކުޅޭ ގޮތަށެވެ. "ޖޫނާ ފަރްނީޗާ" ގެ ރިމޭކް ސަންޖޭ އަށް ހުށަހެޅިކަމުގެ ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، "ވާސްތާވް" ގެ ސީކްއެލް ހަދަން އުޅޭކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.