ޕާކިސްތާންގައި ބާއްވާ ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ރާއްޖެ އަށް ދައުވަތު ލިބިފައިވާތީ އެ ފުރުސަތު ހުޅުވާލައިފި އެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ އެ މުބާރާތަކީ އެ ގައުމުގެ ރިލިޖަސް އެފެއާޒް އެންޑް އިންޓަފެއިތު ހާމަނީ މިނިސްޓްރީން އިންތިޒާކޮށްގެން މި އަހަރުގެ ފަހުކޮޅު އިސްލާމްއާބާދުގައި ބާއްވަން ހަމަޖެހިފައިވާ "ފަސްޓް އިންޓަނޭޝަނަލް ޤިރާއަތު ކޮމްޕެޓިޝަން" ކަމަށެވެ.
މި މުބާރާތުގައި ރާއްޖެ އިން ބައިވެރިވާން ފުރުސަތު ހުޅުވާލާފައި ވަނީ ޢުމުރުން 25-35 އަހަރާ ދެމެދުގެ ފިރިހެނުންނަށެވެ. އިތުރު ޝަރުތަކުގެ ތެރޭގައި ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ޤުރްއާން ކިޔަވަން އެނގުން ހިމެނެ އެވެ. އަދި ޤިރާއަތްތަކަށް ކިޔަވަން އެނގޭ، ކީރިތި ޤުރްއާން ހިތުދަސް ޙާފިޡަކަށް އިސްކަން ދޭނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.
މުބާރާތުގައި ރާއްޖެ އިން ވާދަކުރާނީ އެކެކެވެ.
އެހެންވެ ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 26 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާން އެދޭ ފޯމް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުންނާއި އެތަނުގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ.
މަރުކަޒުން ބުނީ މުބާރާތުގައި ބައިވެރިވާން ހޮވޭ މީހަކަށް ޕާކިސްތާނަށް ދިޔުމާއި އެނބުރި އައުމުގެ ޓިކެޓާއި، އެ ގައުމުގައި ހުރުމާއި ކެއުމުގެ ޚަރަދު މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށެވެ.