ހައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހިންގަން ހަމަޖެހިފައިވާ ޓޫރިސްޓް ހޮޓާ މަޝްރޫއަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
އެ ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ވާން ކުރިން ދިން މުއްދަތު މި މަހުގެ 13 އަށް ހަމަވެފައިވާތީ، އެ މުއްދަތު މިހާރު ވަނީ މި މަހުގެ 26 އާ ހަމައަށް އިތުރުކޮށްފަ އެވެ. އެހެންވެ ކުރިން ބީލަންތައް ހުޅުވުން އަންނަ މަހުގެ 11 ގައި ބަދަލުގައި މިހާރު ވަނީ އަންނަ މަހުގެ 25 އަށް ބަދަލުކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަނުން މާފުށީގައި އަޅާ ހޮޓަލުގެ ބީލަމުގައި ރަޖިސްޓްރީވާން 30،000 ރުފިޔާ ނުވަތަ 2000 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ބިޑު ސެކިއުރިޓީގެ ގޮތުގައި 800،000ރ. ބަހައްޓަން ޖެހެ އެވެ.
މި މަޝްރޫއަކީ ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާ ގުޅިގެން އުފެއްދި މާފުށި އިސްލާމިކް ޓުއަރިޒަމް ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަން ހަމަޖެހިފައިވާ ވެ. އަދި މިކަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
ހޮޓެލް އިމާރާތެއްގެ އިތުރުން ސާވިސް އިމާރާތެއް ވެސް އެޅުމަށް ހަމަޖެހިފައިވެ އެވެ.
ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމް ވިޔަފާރި އަށް ވަންނާތީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ކުންފުނީގެ މަޝްރޫއު ހިންގަން ނިންމި މާފުއްޓަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް އެންމެ މަޝްހޫރު ރަށެވެ.