Last Updated: August 22, 22:24
Friday, August 22, 2025
މުނިފޫހިފިލުވުން

އަދިވެސް ބޮންޑްގެ ރޯލު ކުޅެލަން ބޭނުން

ފުރުސަތެއް ލިބިއްޖެ ނަމަ އަދިވެސް ޖޭމްސް ބޮންޑްގެ ރޯލު ކުޅެން ބޭނުންވާ ކަމަށް އެ ފިލްމު ސީރީޒްގެ ހަތަރު ފިލްމެއް ކުޅެފައިވާ އެކްޓަރު ޕިއާސް ބްރޯސްނަން ބުނެފި އެވެ.

ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި 72 ގެ އެކްޓަރުގެ ބުނީ ބޮންޑްގެ 26 ވަނަ ފިލްމަށް ނަގާނެ އެކްޓަރަކާ ބެހޭ ވާހަކަތަކެއް މީޑިއާތަކުގައި ވަރަށް ގަދައަށް ދެކެވެމުން އަންނާތީ، އެ ރޯލަށް ދެން ނަގާނެ އެކްޓަރަކީ ކޮބައިތޯ ބަލާލުމުގެ ޝައުގުވެރިކަން ވެސް ވަރަށް ބޮޑު ކަމަށެވެ.

"އެކަމަކު ބުނަން އޮތް ވާހަކަ އަކީ ފުރުސަތެއް ލިބިއްޖެ ނަމަ އަދިވެސް އަހަރެން ބޮންޑްގެ ރޯލު ކުޅެން ބޭނުމޭ،" ބްރޯސްނަން ބުންޏެވެ. "ކުޅެން ވަރަށް ގަޔާވާ، އަދި ވަރަށް މަޖާކޮށް މަސައްކަތް ކުރިއަށްދާ އެއްޗެއް އެއީ އަބަދު ވެސް."

އެކަމަކު އެއާ ވިއްދައިގެން އޭނަ ބުނީ އުމުރުން މިހާރު އެހާ ދުވަސްވީ އެކްޓަރަކު ބޮންޑްގެ ރޯލުން ފެންނަން އެއްވެސް ބަޔަކު ބޭނުން ވާނެ ގަބޫލު ނުކުރެވޭ ކަމަށެވެ.

"މިހާރު އެންމެ އިންތިޒާރު ކުރެވެނީ ބޮންޑްގެ ރޯލަށް ދެން ނަގާނެ އެކްޓަރަކީ ކޮބައިތޯ ބަލާލަން. ނަގާފާނެ ކަމަށް ބުނާ އެކްޓަރުންގެ ތެރޭގައި ވަރަށް މޮޅެތި އެކްޓަރުންތަކެއް ވެސް އެބަތިބި." ބްރޯސްނަން ބުންޏެވެ.

އޭނަ ބޮންޑްގެ ރޯލު ކުޅުނު ފިލްމުތަކަކީ ގޯލްޑަން އައި (1995) އާއި ޓުމޯރޯ ނެވާ ޑައިސް (1997) އާއި ޑައި އެނަދަ ޑޭ (2002) ގެ އިތުރުން ދަ ވޯލްޑް އިޒް ނޮޓް އިނަފް (1999) އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބްރޯސްނަން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޖޫންގައި ރިލީޒްކުރި އެކްޝަން ފިލްމު "ދި އަންހޮލީ ޓްރިނިޓީން" އިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބޮންޑްގެ ރޯލަށް ދެން ނަގާނެ ކަމަށް ބެލެވެނީ 35 އަހަރުން ދަށުގެ އެކްޓަރެކެވެ. އެގޮތުން މިހާރު ތިން އެކްޓަރަކު ޝޯޓްލިސްޓްކޮށްފައިވާކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ. އެ ތިން އެކްޓަރުންނަކީ މިހާރު "ސްޕައިޑަ-މޭން" ގެ ރޯލު ކުޅެމުން އަންނަ ޓޮމް ހޮލަންޑް، 29، އާއި "ބޭބީގާލް" ފަދަ ފިލްމުތަކުން ފެނިފައިވާ 28 އަހަރުގެ އެކްޓަރު ހެރިސް ޑިކިންސަންގެ އިތުރުން "ސޯލްޓްބާން" ގެ ތަރި ޖެކޮބް އެލޯޑީ، 28، އެވެ.

ޖޭމްސް ބޮންޑްގެ 26 ވަނަ ފިލްމުގެ ޑައިރެކްޝަން އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އިން ހަވާލުކޮށްފައި "ޑޫން" ގެ ޑައިރެކްޓަރު ޑެނިސް ވިލެނޯވްއާ އެވެ. އަދި އަންނަ އަހަރު ޝޫޓިން ފަށާނެ ކަމަށް ބެލެވޭ ފިލްމުގެ ސްކްރީންޕްލޭ ހަވާކޮށްފައި ވަނީ "ޕީކީ ބްލައިންޑާސް" ގެ މޭސްތިރިޔާ ސްޓީވެން ނައިޓްއާ އެވެ.

ބޮންޑްގެ އެންމެ ފަހުގެ ފިލްމަކީ ޑެނިއަލް ކްރެއިގް އެ ރޯލަށް އަލްވަދާއު ކިއި 2021 ގެ 'ނޯ ޓައިމް ޓު ޑައި' އެވެ. އޭނަ ފަސް ފިލްމެއްގައި ބޮންޑްގެ ރޯލު ކުޅުނެވެ.