އަންނަ އަހަރުގެ ކުރީކޮޅު އއ. ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އއ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުގެ ތެރެއިން މިއަދު ފުރަތަމަ ރަށަކަށް ބޮޑުފޮޅުދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ބައްދަލުވުމުގައި ވިދާޅުވީ ރާއްޖޭގެ އެހެން ރަށްތަކާ އެއްގޮތަށް ބޮޑުފޮޅުދޫގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަ އެބައޮތް ކަމަށެވެ.
އެހެންވެ ހައުސިން މަޝްރޫޢެއް އަންނަ އަހަރު އެ ރަށުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ 50 ހައުސިން ޔުނިޓް އެޅުމަށް ބަޖެޓުގައި ހިމަނައި އަންނަ އަހަރު ކުރީކޮޅު އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
"އެ މަޝްރޫޢާއެކު ތިބޭފުޅުންނަށް ގެދޮރުގެ މައްސަލަ ޙައްލުވެގެން ދާނެ." ރައީސް ވިދާޅުވި އެވެ.
ބޮޑުފޮޅުދު އަކީ އާބަދީގައި 800 އަށް ވުރެ ގިނަ މީހުން އުޅޭ ރަށެކެވެ.