Last Updated: August 22, 22:24
Friday, August 22, 2025
ޚަބަރު

ދިވެހި ބޭސްވެރިކަމުގެ ގަސްގަހާގެހި އާލާކުރަނީ

ރާއްޖޭގެ ޠަބީޢީ ތަރިކައިގެ ތެރޭގައި ހިމެނޭ ގަސްގަހާގެއްސާއި، ދިވެހިބޭހަށް ބޭނުން ކުރާ ގަސްގަހާގެއްސާއި ފަތްޕިލާވެލި ދިރުވާ އާލާކުރުމުގެ މަޝްރޫޢެއް ތަރިކައާ ބެހޭ މިނިސްޓްރީން ފަށައިފި އެވެ.

ދިވެހި ބޭސްވެރީންގެ ޖަމިއްޔާގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މި މަސައްކަތުގައި އިއްޔެ ޖަމިއްޔާއިން ވަނީ ދިވެހި ބޭސްވެރިކަމުގައި ބޭނުންކުރާ އެކި ބާވަތްތަކުން 100 ގަސް މިނިސްޓްރީހެ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ހަދިޔާ ވެސް ކޮށްފަ އެވެ.

އެ ގަސްތައް އިންދާނީ މި އަހަރު ޤައުމީ ދުވަހު ހއ. އުތީމުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ރަށުގެ ކަނދުވަލު މިސްކިތް ސަރަހައްދުގައި މިނިސްޓްރީހެ ފަރާތުން ތަރައްގީ ކުރަމުން އަންނަ ވާހަކަވަލުގައި 300 ކަނދުގަސް ވެސް އިންދަން ހަމަޖެހިފައިވެ އެވެ.

ތަރިކައާ ބެހޭ މިނިސްޓަރު އާދަަމް ނަޞީރު އިބްރާހީމް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ދިވެހި ޙަޟާރަތުގެ އަސާސީ ރުކުނެއް ކަމަށާއި ތާރީޚުން އެނގޭ ގޮތުގައި އެކިއެކި ޞިއްޙީ މައްސަލަތަކަށް ދިވެހި ބޭސްވެރީން އިތުބާރާއެކު ފަރުވާކޮށް ނަތީޖާ ނެރެފައިވާ ކަމަށެވެ. އަދި ވަކިން ޚާއްޞަ ރުުއްގަލު ބޭހަކީ ދިވެހީން ވަރަށް ޔަގީން ކަމާއެކު އެ ފަރުވާ ހޯދާ، ނަތީޖާ ރަނގަޅު ބޭސްވެރިކަމެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ބޭހުގެ މައިގަނޑު ބިނާވެފައި އޮންނަނީ ފަތްޕިލާވެއްޔާއި ގަސްގަހާގެހީގެ ކަމަށްކަމަށް ވާތީ އާއި، އެ ތަކެއްޗަކީ ދިވެހިވަންތަކަމުގެ ބަަޔަކަށް ވާތީ، މި މަޝްރޫޢަކީ ދިވެހި ބޭސްވެރިކަމުގެ މައިދާނަށް ގެނެވޭ އިތުރު އާރޯކަމަކާއި ފެހިކަމެއް ކަމަށެވެ.