Last Updated: August 22, 22:24
Friday, August 22, 2025
ޚަބަރު

ނަރުހުން ލައިންސަންސް އާނުކުރާތީ ކަންބޮޑުވެއްޖެ

ގާނޫނާ ހިލާފަށް ނަރުހެއް ނުވަތަ މިޑްވައިފެއްގެ ހައިސިއްޔަތުން ބައެއް ފަރާތްތަކުން ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ފަރުދުންގެ ތަންތަނުގައި މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވެ، އަދާހަމަ ލައިސެންސް ނެތި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަވެވިފައިވާ ކަމަށެވެ. އަދި މިކަމަކީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެހެންވެ ސިއްހީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރެވޭނީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އެތަނުން ދޫކުރާ ލައިސަންސެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން ލައިސަންސް އާނުކޮށް މަސައްކަތްކުރުމަކީ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ

ނަރުހުންނާއި މިޑްވައިފުންގެ ތެރޭގައި އިދާރީ މަސައްކަތްކުރާ ފަރާތްތަކާއި، ތަމްރީނު ކުރުމުގައި އުޅޭ ފަރާތްތައްވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ނާސިން ޑިރެކްޓަރުން، ނާސިން އެޑްމިނިސްޓްރޭޓަރުން، ނާސް އެޑިއުކޭޓަރުން އަދި ނާސިން ލެކްޗަރާ އިން ވެސް ހިމެނެ އެވެ.