ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ ކަމަށެވެ.
އެހެންވެ ކުރިމަތިލާން ފުރުސަތު ހުޅުވައިލީ އަންނަ މަހުގެ 7 އާ ހަމައަށެވެ.
އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 30 އަހަރު ވެފައިވުމާއި އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު މަދުވެގެން 7 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވުން ހިމެނެ އެވެ.
މީގެ އިިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ނުވުން ވެސް ހިމެނެ އެވެ.
އެންއައިސީގެ މެންބަރު ކަމަށް އެދޭ ފޯމް ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.