ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ނެޓްފްލިކްސްގެ ޝޯ "ވަން ޕީސް" ގެ ތަރި ޓެޒް ސްކައިލާ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މިއަދު ބުނީ ގްލޯބަލް އެމްބެސެޑަރުގެ ހައިސިއްޔަތުން އޭނަ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަގާފީ މުއްސަނދިކަން އަދި ދެމެހެއްޓެނިވި ޓޫރިޒަމް ޕްރޮމޯޓު ކުރުމުގައި ހަރަކާތްތެރި ވާނެ ކަމަށެވެ.
އުމުރުން މިހާރު 29 އަހަރުގެ ސްކައިލާ ފުރިހަމަ ނަމުން ނަމަ ތާރިކް ޔާސީން ސްކައިލާ އަކީ ސްޕެއިނަށް އުފަން އިނގިރޭސިވިލާތުގެ ދަރިކޮޅުގެ ފަންނާނެކެވެ. ލަންޑަނުގައި ދިރިއުޅެމުން އަންނަ ސްކައިލާ އަކީ އެކްޓަރެއްގެ އިތުރުން ސްކްރީން ރައިޓަރެއް ވެސް މެ އެވެ. ނެޓްފްލިކްސް އިންނ 2023 އިން ފެށިގެން ގެނެސްދެމުން އަންނަ ފެންޓަސީ އެޑްވެންޗާ ސީރީޒް "ވަން ޕީސް" ގައި އޭނަ ކުޅެނީ ސާންޖީ ކިޔާ ކެރެކްޓާއެކެވެ.
ސްކައިލާ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި މި އަހަރުގެ އެކްޝަން ތުރިލާ "ކްލީނާ" އާއި 2023 ގެ "ގޭސްޑް އަޕް" ގެ އިތުރުން 2021 ގެ "ބޮއިލިން ޕޮއިންޓް" ހިމެނެ އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި މަހުގެ 27 އިން އަންނަ މަހުގެ 15 އަށް ކުރާ ދަތުރެއްގައި ސްކައިލާ ރާއްޖެ ވެސް އަންނަން ހަމަޖެހިފައިވާ ކަމަށެވެ. އޭނަގެ މި ދަތުރުގެ ތެރެއިން އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ރާއްޖެ ދައްކައިލާނެ އެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑާ ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ވެސް އެމްބެސެޑަރަކަށް ހަޖައްސާފައިވެ އެވެ.