އއ. ތޮއްޑޫގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރު އޭޓީއެމްގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފި އެވެ.
ތޮއްޑޫގައި، ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުއިއްޒު، މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑުއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ތޮއްޑޫގައި ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމްއާއި އެގްރިޓޫރިޒަމަށް އަމާޒުކޮށް ބީއެމްއެލްގެ ޚިދުމަތް ފުޅާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ތޮއްޑޫގައި އެންމެ ފުރަތަމަ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށީ މީގެ 5 އަހަރު ކުރިން ކަމަށާއި މިއަދު މިރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށިގެންދާއިރު، މި ރަށުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު އެހެން ރަށަކަށް ދަތުރު ނުކޮށް މިހާރު ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"މި ރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބްރާންޗްގެ މަސައްކަތްވެސް އަންނަ އަހަރުތެރޭ ނިމޭނެ، މިއާއެކު ބޭންކިންގ ޚިދުމަތް މިރަށުގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމާއެކު ފޯރުކޮށްދެވިގެންދާނެ." ޝަރީފް ވިދާޅުވި އެވެ.
ތޮއްޑޫ ޑޮލަރު އޭޓީއެމްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ އައްޑޫ ސިޓީ، މާލެ، ހުޅުމާލެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ކުޅުދުއްފުށި ސިޓީ އަދި މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 144 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 201 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.