ކެއްސާތީވެ އާންމުކޮށް ބޭނުންކޮށް އުޅޭ ކޮފްސީ ސިރަޕުން ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިގެން އެ ބޭސް ރާއްޖެ އެތެެރެކޮށް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މާކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ކޮލިޓީ ބެލުމަށް ކުރިއަށްގެންދިޔަ، ބޭހުގެ މާކެޓް ސަވައިލެންސްގެ ތެރެއިން ކެއްސާތީ ކުޑަކުދިންނަށް ދެމުން އަންނަ ބޭހެއްކަމަށްވާ "ކޯފްސީ" ސިރަޕުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން މިބޭސް ރާއްޖެއަށް އެތެރެކޮށް ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އެއްވެސް ފާމަސީއެއްގައި މިބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބޭސް ނައްތާލުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
މިބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްޙީ ގޮތުން މައްސަލައެއް ކުރިމަތިވެ އެފަދަ ރިޕޯޓެއް އެމްއެފްޑީއޭއަށް ލިބިފައި ނުވާކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.