Last Updated: August 22, 22:24
Friday, August 22, 2025
ޚަބަރު

ތޮއްޑޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

އއ. ތޮއްޑޫގައި ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުުވީ 30 އެނދުގެ ސިއްހީ މަރުކަޒުގެ މަޝްރޫއު އަމަލީ ގޮތުން ފެށުމުގެ ހުރިހާ މަސައްކަތެއް ހަމަޖެހިފައިވާ ކަމަށެވެ.

"މި މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޑިޒައިންގެ ތެރޭގައި ހިމެނޭ ޖާގަތަކުގެ ތެރޭގައި މި 30 އެނދުގެ މަޝްރޫއު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އިއިސީޔޫވެސް ހިމެނުމުގެ ފުރުސަތު އޮތްކަން ކަމާބެހޭ ހެލްތު މިނިސްޓްރީގެ އެކްސްޕާޓުން ޔަގީންކަން ދެއްވާފައިވާތީ، މި މަޝްރޫއު އަޅުގަނޑުމެން ކުރިއަށް ގެންދާނީ 30 އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައިކަން ތިބޭފުޅުންނަށް ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ތޮއްޑޫގެ ރައްޔިތުން އެދޭގޮތަށް މަގުތައް ތަރައްގީކުރުން ވެސް ކުރިއަށްގެންދާނެ ކަމަށާއި އަދި ތޮއްޑޫއަކީ ދަނޑުވެރި ރަށަކަށްވާތީ، ސަރުކާރުގެ ދަނޑުވެރިކަމުގެ ސިނާޢަތާއި މަތީ ތަޢުލީމުގެ ދާއިރާއިންވެސް އެރަށް ކުރިއެރުވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ތޮއްޑޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޕްލެޓުފޯމެއް ޤާއިމްކޮށް އަންނަ އަހަރުގެ ފެބުރުއަރީގައި ޝެޑިއުލް ސީޕްލޭންގެ ޚިދުމަތް ފަށްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.