Last Updated: August 22, 22:24
Friday, August 22, 2025
ޚަބަރު

މީޑިއާ ބިލު އަނބުރާ ގެންދަން އައިއެފްޖޭ އިން ގޮވާލައިފި

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާުޖު ކުރަނީ - ފޮޓޯ: އެމްޖޭއޭ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލު އަނބުރާ ގެންދަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި އެ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

މި ބިލާއި މެދު މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އައިއެފްޖޭ އިން ނެރުނު ބަޔާނެއްގައި ވަނީ މި ބިލު ކުށްވެރިކޮށް، މި ބިލު ވަގުތުން އަނބުރާ ގެންދަން ގޮވާލާފަ އެވެ.

އައިއެފްޖޭ އިން ބުނީ މީޑިއާ ރެގިއުލޭޓް ކުރުމަށް އެ ދާއިރާގެ މަޝްވަރާ އާއި ބައިވެރިވުން އޮންނަންޖެހޭނެ ކަމަށާއި ނަމަވެސް ނޫސްވެރިންނާއި، ނޫސްވެރިންނާއި ގުޅުންހުރި ޖަމިއްޔާތަކާއި މަޝްވަރާތައް ނުކުރުމަކީ މިކަމުގެ އަސްލު މަޤްޞަދު ފުރިހަމައަށް ނުވިސްނޭކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ބުނެފައިވަނީ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެގޮތުން އުވެނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.

އަދި މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށާއި އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުން ކަމަށް ބުނެފައިވެ އެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު ނައިބު ރައީސް ހޮވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބިލުގައިވާ ގޮތުން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެންދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.

މީގެއިތުރުން ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރާއި ނޫހަކުން ނުވަތަ މަޖައްލާއަކުން ގާނޫނާއި ގަވާއިދާ ހިލާފުވާނަމަ އެކަމެއް އިސްލާހުކުރަންދެން ނުވަތަ މައްސަލަ ބަލާ ނިމެންދެން އެ ނޫހެއްގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލުކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.