އއ. ތޮއްޑުއަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ނިންމައިފި އެވެ.
އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުުވީ ތޮއްޑޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޕްލެޓުފޯމެއް ޤާއިމްކޮށް އަންނަ އަހަރުގެ ފެބުރުއަރީގައި ޝެޑިއުލް ސީޕްލޭންގެ ޚިދުމަތް ފަށްޓަވާނެ ކަމަށެވެ.
ތޮއްޑޫއަށް ސީޕްލޭން ދަތުރުތައް ފެށުމުން ކަނޑުގަދަވާ ދުވަސްތަކުގައި މުވައްޒަފުންނަށް ނުވަތަ ޓޫރިޒަމް ދާއިރާގައި އުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ފަސޭހަކަން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ތޮއްޑޫ އަކީ ލޯކަލް ޓޫރިޒަމުގައި މިހާރުވެސް ކުރިއަރާފައިވާ ރަށެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ތޮއްޑޫއަކީ ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ގެނެސްދިނުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ރަށެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ތޮއްޑޫގެ ލޯކަލް ޓޫރިޒަމް އާއި ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ދާއިރާ އިން ހޯދާ އާމްދަނީ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރައީސް ވަނީ މި ސަރުކާރުން ރައްޔިތުން އެދޭގޮތަށް ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.