Last Updated: August 23, 22:42
Saturday, August 23, 2025
ރިޕޯޓް

ޑިޕްރެޝަނަށް އޮތް ފަރުވާ އަކީ ކޮބާ؟

މި ދުނިޔޭގެ ދިރިއުޅުމުގައި ދަތި އުނދަގޫ ކަންކަމާ ކުރިމަތިނުވެ ނުދާނެ އެވެ. އެއީ ﷲ ތަޢާލާ އެކަން ލައްވާފައިވާ ގޮތެވެ. އެހެނީ މިއީ އިމްތިހާނުގެ ގޯއްޗެވެ. އަދި އާޚިރަތާ ދެމެދުވާ ފާލަމެކެވެ. އެންމެ ހެޔޮ މަޚްލޫޤުން ކަމުގައިވާ ނަބީބޭކަލުން ވެސް މިކަމުން އިސްތިޘްނާ ނުވެ އެވެ. ދިރިއުޅުމަކީ އެއްވެސް މީހަކަށް ފަސޭހަ ދަތުރެއް ނޫނެވެ. ކުޑަކުއްޖަކު ނުވަތަ ބޮޑު މީހަކު ކަމުގައިވިޔަސްމެ އެވެ.

އެއް ދުވަސް ތިބާއަށް އުފާވެރި ދުވަހަކަށްވާއިރު ދެން އަންނަ ދުވަސްތަކަކީ ހިތާމަވެރި ދުވަސްތަކަކަށް ވެދާނެ އެވެ. މިއީ އަބަދު ވެސް މިކަން އޮންނަ ގޮތެވެ. އަދި މިއީ މީސްތަކުންގެ ދިރިއުޅުމުގެ ކަންކަން އޮތް ގޮތެވެ.

ދުވަހަކަށް ފަހު ދުވަހެއް ވޭތުވަމުންދާ އިރު މުސްލިމުންނަށް ކުރިމަތިވަމުން މިދާ މުސީބާތްތަކާ އަދި މުސްލިމުންގެ ޙާލާ މެދު އަޘަރުކޮށް ހިތާމަ ނުކުރަނީ އަޅުގަނޑުމެންގެ ތެރެއިން ފަހެ ކާކު ހެއްޔެވެ؟ ފެންނަކަ މަކުން ނުވަތަ އިވޭ އަޑަކުން ދުނިޔޭގެ ދިރިއުޅުމާމެދު މާޔޫސް ނުވަނީ އަޅުގަނޑުމެންގެ ތެރެއިން ފަހެ ކާކު ހެއްޔެވެ؟

ނަމަވެސް އެކަނިވެރިކަމާއި ހިތާމައިގެ މިފަދަ ޝުޢޫރުތައް ދާއިމީކަމަކަށްވެ ނުވަތަ ނަފްސާނީ ބަލިމަޑުކަމަކަށްވެ، އާންމު ދިރިއުޅުމުގައި ކަންކަން ކުރިއަށް ގެންދިއުމަށް ބުރޫއަރާ ހިސާބަށް ކަންކަން ގޮސް، އެހެން މީހުންނަށް އަދާކޮށް ދޭން ޖެހޭ ޙައްޤުތައް އަދާކޮށް ނުދެވި، ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވި ނިޢުމަތްތަކުގެ މަތިން ޣާފިލުވެ، އެކަމަށް ޝުކުރުވެރިވާން ޖެހޭ ގޮތަށް ޝުކުރުވެރި ނުވެވޭނަމަ، އެ ޙާލަތުގައި ހިތާމަވެރިކަން އެވަނީ އެކަމަށް ފަރުވާ ކުރަން ޖެހިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފަ އެވެ!

އެގޮތުން އެންމެ މަތިވެރި ފަރުވާ އަކީ ކެތްތެރިކަމާއި، ތަޤުވާވެރިކަމާއި، ޢާލަމުތަކުގެ ވެރި ރައްބާ މެދު ހެޔޮކޮން ދެކުމާއި، އެންމެހާ ކަމެއްގައި އެއިލާހަށް ވަކީލުކުރުމާއި، ކޮންމެ މުސީބާތެއްގައި ފުރިހަމަ އިތުބާރާއެކު އެފަރާތާ ކުރިމަތިލުމެވެ.

ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެ އެވެ.

“ގިނަ މީހުން މުންކަރާތެއް ފެނުމުން ނުވަތަ އިސްލާމީ އުންމަތަށް ޖެހިފައިވާ ޙާލު ފެނުމުން، މުސީބާތެއް ޖެހިފައިވާ މީހަކުޢަމަލުކުރާ ފަދައިން، އެކަމާ ދެރަވެ ހިތާމަކޮށް އުންމީދު ކަނޑާލައެވެ. ނަމަވެސް މިއީ ރަނގަޅުގޮތެއް ނޫނެވެ. އެހެނެއްކަމަކު އޭނާގެ މައްޗަށް ވަނީ ކެތްތެރިވެ، ﷲއަށް ވަކީލުކޮށް އިސްލާމްދީނުގެ މަތީގައި ޘާބިތުވުމެވެ. އަދި ﷲ ތަޢާލާވަނީ ތަޤުވަވެރިންނާއި އިޙްސާންތެރިންނާ އެކު ކަމާއި، އެންމެ ހެޔޮ ނިމުން ވަނީ ތަޤުވާވެރިންނަށް ކަމާއި، އޭނާ އަށް ޖެހިފައި އެވާ މުސީބާތަކީ އޭނާގެ ފާފަތަކުގެ ސަބަބުން ޖެހިފައިވާ ކަމެއް ކަމަށް އީމާންވުމެވެ. ފަހެ، ކެތްތެރިވާށެވެ. އެހެނީ ﷲ ތަޢާލާގެ ވަޢުދަކީ ޙައްޤެވެ. އަދި އޭނާގެ ފާފަތައް ފުއްސެވުން އެދި ދަންނަވާށެވެ. އަދި ހެނދުނާއި ހަވީރު އޭނާގެ ރައްބަށް ތަސްބީޙަ ކިޔާ ޙަމްދު ކުރާށެވެ.”

[مجموع الفتاوى(18/295)]

މާޔޫސްކަމުގެ ހާލަތު ޑިޕްރެޝަން (depression) އަށް ބަދަލުވުމުން، އީމާންކަމުގެ ފަރުވާތައްކަމުގައިވާ ކެތްތެރިކަމާއި ﷲ އަށް ވަކީލުކުރުމާއި ޛިކުރުކުރުގައި ދެމިހުރުމާއެކު ޢިލްމާއި އަމާނާތްތެރިކަމުގައި އިތުބާރުކުރެވޭ، ކަމުގެ މާހިރެއްގެ ޑޮކްޓަރީ ފަރުވާއަށްވެސް ބޭނުންޖެހިދާނެއެވެ.

ޑިޕްރެޝަންގެ ޢަލާމާތްތަކުގެ ތެރޭގައި:

* އަބަދުވެސް ހިތާމަ އާއި، ފިކުރު ބޮޑުވުމާ އަދި ޠަބީޢަތް ގޯސްވުމުގެ ޝުޢޫރުތައް ދެމިހުރުން
* އާންމުކޮށް ލޯބިކޮށް އުޅޭ ކަންކަން މަތިން ފޫހިވެ، އެކަންކަމަށް ޝައުޤުވެރިކަން ނެތުން
* އަބަދުވެސް ކަންކަމާ މެދު ނުރަނގަޅު ގޮތަށް ދެކުމާއި، ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކު ރުމަށް ނުކުޅެދުން
* ކުށްވެރިއެއްކަމުގެ އިހްސާސްކުރެވި، އަގެއްނެތް، މުޖުތަމައުގައި ބާކީވެފައިވާ މީހެއްކަމުގައި ދެކުން
* އަމިއްލަ އިހްސާސްތައް ފާޅު ނުކުރެވުން ނުވަތަ އެހެންމީހުންގެ އިހްސާސްތައް ބަލައިނުގަނެވުން
* ނިދަން އުނދަގޫވުން ނުވަތަ ގިނައިރު ނިދުން ނުވަތަ އަވަހަށް ހޭލެވުން
* ކެއިންބުއިމުގެ މައްސަލަތައް (ގިނައިން ކެއުން ނުވަތަ ކާހިތްނުވުން)
* ހަށިގަނޑުގައި ހުންނަ ތަދުތައް އެއްވެސް ފަރުވާއަކުން ފައިދާއެއް ނުކޮށް ދިގުލައިގެން ދިއުން
* ގިނައިން ރުޔުން
* އަވަހަށް ކަންތައްބޮޑުވެ، ހަރަކާތްތައް އަވަސްވެ، މަޑުން ހުންނަށް އުނދަގޫވެ، ހަމަޖެހުމެއް ނުލިބުން
* އަބަދުވެސް ވަރުބަލިކަމުގެ އިހްސާސްކުރެވި، ހެލިފެލިވެ އުޅެން އުނދަގޫވުން
* ކަންކަމަށް ފަރުވާބެހެއްޓުމަށާއި ކަންކަން ހަނދާން ކުރުމަށް އުނދަގޫވެ، ރަނގަޅު ނިންމުންތައް ނިންމަން ނޭނގުން

މަތީގައި ބަޔާން ކުރެވުނު އަލާމާތްތަކުގެ ތެރެއިން ހަތަރު އަލާމާތަށްވުރެ ގިނަ އަލާމާތް ތިބާގެ ކިބައިން ފާހަގަކުރެވޭ ނަމަ، އިސްވެ ދެންނެވުނު ފަދައިން ޢިލްމާއި އަމާނާތްތެރިކަމުގައި އިތުބާރު ކުރެވޭ، ކަމުގެ މާހިރެއްގެ ޑޮކްޓަރީ ލަފާ ހޯދުން މުހިންމެވެ.

ފަރުވާ ހޯދުމާއެކު ފައިދާހުރި ކަންކަމުގައި ތިބާގެ ނަފްސު މަޝްޣޫލުކުރާށެވެ. އެގޮތުން ޤުރުއާން ކިޔެވުމާއި، ތިބާ ކުރާހިތްވާ ފަދަ ކަންކަންތައް (hobby) ކުރުމުގައި ވަގުތު ހޭދަކުރާށެވެ. ތިބާގެ ހަށިގަނޑާ ސިކުނޑިއަށް ތާޒާކަން ލިބޭ، މާމުޔާއި މޭވާ ފަދަ ޠަބީޢީ ތަކެތީގެ މަތިން ހަނދާން ނައްތާނުލާށެވެ.

އިހުގައި މިފަދަ ކަންކަމަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކޮށް އުޅުނު އެކައްޗަކީ “ތަލްބީނާ”އެވެ. ރަސޫލު ﷲ صلى الله عليه وسلم ގެ އަރިހުން ޞައްޙަ ސަނަދުން ރިވާވެގެން އައިސްފައިވާ ޙަދީޘްއެއްގައިވެއެވެ.

((التَّلْبِينَةُ مَجَمَّةٌ لِفُؤَادِ الْمَرِيضِ ، تَذْهَبُ بِبَعْضِ الْحُزْنِ)) [رواه البخاري (5101) ، ومسلم (2216)]

މާނައީ: “ތަލްބީނާއަކީ ބަލިމީހާގެ ހިތަށް ހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. އަދި ހިތާމައިގެ ބައެއް ފިލުވާލާ އެއްޗެކެވެ.”

زاد المعاد ގައި އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވެ އެވެ.

“މިއީ ބަނޑާއި ގޮހޮރު ސާފުކޮށްދޭ އެއްޗެކެވެ. އަދި ބަނޑަށް ފަސޭހަކޮށްދޭ އެއްޗެކެވެ. ޚާއްޞަކޮށް އާދަކޮށް ހިމަ ގޮދަނުގެ ރޮށި ކައި އުޅޭ މީހުންނަށެވެ. މަދީނާގެ އަހުލުވެރިންގެ ތެރޭގައި ގޮދަނަކީ ތަދުއެއްޗަކަށްވެފައިވާތީ، ކެއުމުގައި އެބައިމީހުން އާންމުކޮށް ބޭނުން ކުރީ ހިމަ ގޮދަނެވެ. والله أعلم.”

ތަލްބީނާއަކީ ހިމަ ގޮދަން (barley) ފުށުގައި ހަދާ އެއްޗެކެވެ. މި ތައްޔާރު ކުރަނީ ބާލީގެ ތެރެއަށް ޖޯޑެއްހާ ފެން އެޅުމަށް ފަހު މަޑު ގިނީގައި ފަސް ވަރަކަށް މިނެޓު ކައްކައިގެންނެވެ. އެއަށް ފަހު އޭގެ ތެރެއަށް ކިރުފޮދަކާއި މާމުއި ސަމުސަލެއް އަޅާނީ އެވެ.

މަސްދަރު: ދިސަލަފިއްޔާ