Last Updated: August 22, 22:24
Friday, August 22, 2025
ޚަބަރު

ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޕްރޮގްރާމެއް ފުވައްމުލަކުގައި

ނަފްސާނީ އަދި އިޖްތިމާއީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަނެ އަދި އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ނަފްސާނީ ފުރަތަމަ އެހީ ދިނުމުގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންއެއް ފުވައްމުލަކުގައި ފަށައިފި އެވެ.

މިއަދު ފެށި ޓްރޭނިންގޕްރޮގްރާމް ފުވައްމަލަކު ހޮސްޕިޓަލުގައި ކުރިއަށް ގެންދާނީ މާދަމައާ ހަމައަށެވެ.

ސައިކޮލޮޖިކަލް ފަސްޓް އެއިޑް (ޕީއެފްއޭ) ތަމްރީނުގެ މަޤުސަދަކީ ކާރިސާ އަދި ކުއްލި ޙާލަތްތަކުގައި ނުވަތަ އޭގެ ފަހުން ނަފްސާނީ އުނދަގޫތައް ކުރިމަތިވާ ފަރާތްތަކަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމުގެ ޢިލްމާއި އަމަލީ ހުނަރު ބައިވެރިންނަށް ފޯރުކޮށް ދިނުމެވެ. އަދި ނަފްސާނީ ފުރަތަމަ އެހީ ބޭނުންވާ މީހުން ދެނެގަންނާނެ ގޮތްތަކާއި މިފަދަ ފަރާތްތަކަށް ނަފުސާނީ ފުރަތަމަ އެހީ ދެވޭނެ ޙާލަތްތަކާއި ރިފަރ ކުރަންޖެހޭ ޙާލަތްތަކުގައި އަމަލު ކުރާނެ ގޮތާ ގުޅޭ ގޮތުން ވެސް ބައިވެރިން ތަމްރީނު ކުރެވޭނެ އެވެ.

މީގެއިތުރުން ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ އަމިއްލަ ނަފުސާނީ ޞިއްޙަތައް އަޅާލުމުގެ މުހިންމުކަމާއި، އަމިއްލަ ދުޅަހެޔޮކަމަށް އިސްކަންދޭނެ ގޮތްތަކާއިގުޅޭ ގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރެވޭނެ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ފުވައްމުލަކުގެ ތަފާތު މުއައްސަސާތަކުން 20 މީހަކު ބައިވެރިވެ އެވެ. އޭގެ ތެރޭގައި ޏ.އަތޮޅު ތަޢުލީމީ މަރުކަޒު، ފުވައްމުލައް ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، ޒިކުރާ ސްކޫލް، ޙާފިޒް އަޙުމަދު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ފ. ސްކޫލް، ފުވައްމުލައް މެޖިސްޓްރޭޓް ކޯޓު، ޏ. ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރު، އިބަމަ، ފުވައްމުލައް ޕޮލިސް، ފުވައްމުލައް ހޮސްޕިޓަލް، ސްޕޯޓްސް މިނިސްޓްރީ، ވިމެން އިން ފުވައްމުލައް، ޔުނިސެފް، ދިވެހި ރެޑް ކްރެސެންޓް ފުވައްމުލައް ގޮފި، ފުވައްމުލައް ސިޓީ ކައުންސިލުން ކަމާގުޅުން ހުރި ފަރާތްތައް ބައިވެރިވެ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ނަންގަވައި ދެއްވަނީ ދިވެހި ރެޑް ކްރެސެންޓުން މިކަމަށް ތަމްރީން ހޯއްދަވައިގެން ތިއްބެވި ބޭފުޅުންނެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދަނީ ޔުނިސެފް އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކީގަ އެވެ.