Last Updated: August 22, 22:24
Friday, August 22, 2025
މުނިފޫހިފިލުވުން

'ބޭޑްސް އޮފް ބޮލީވުޑް' ގެ ޕްރީމިއާ އަންނަ މަހު

ބޮލީވުޑްގެ ތަރި، ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެޓްކޮށްފައިވާ ސީރީޒް "ބޭޑްސް އޮފް ބޮލީވުޑް" ގެ ޓްރެއިލާ މިއަދު ދައްކާލައި، ސީރީޒް ޕްރީމިއާ ކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭން ހަމަޖެހިފައިވާ ސީރީޒް ޕްރީމިއާ ކުރަން ނިންމީ އަންނަ މަހުގެ 18 ގަ އެވެ. "ބޭޑްސް އޮފް ބޮލީވުޑް" ހަދާފައި ވަނީ ނެޓްފްލިކްސް އާއި އަރިއަންގެ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓް ގުޅިގެންނެވެ.

މީގެ ޕްރޮޑިއުސަރަކީ އޭނަގެ މަންމަ ގޯރީ ޚާނެވެ.

ބޮލީވުޑްގެ ވާހަކަތަކެއް ކިޔައިދޭނެ "ބޭޑްސް އޮފް ބޮލީވުޑް" އަކީ ރަސްމީކޮށް އަރިއަންގެ ފިލްމީ މަސައްކަތެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފުރަތަމަ ފަހަރެވެ.

މި ސީރީޒްގެ ލީޑުން ފެންނާނީ ޒުވާން ދެ ތަރިން ކަމަށްވާ ލަކްޝް ލަލްވާނީ އާއި ސަހެރް ބާމްބާ އެވެ. ލަކްޝް އަކީ ކަރަންް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މިދިޔަ އަަހަރުގެ އެކްޝަން ފިލްމު "ކިލް" އިން ތައާރަފުކުރި އެކްޓަރެވެ. ސެހެރް އަކީ އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ދަރިފުޅު، ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރި 2019 ގެ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ބަތަލާ އެވެ.

"ބޭޑްސް އޮފް ބޮލީވުޑް" ގައި އެ ދެ ތަރިންނާ އެކު ބޮޑު ކާސްޓެއް ފެންނާނެ އެވެ.

އޭގެ ތެރޭގައި ބޮބީ ޑިއޯލް، މޯނާ ސިންގް، ރާގަވް ޖުޔަލް، ގޯތަމީ ކަޕޫރް، މާނަވް ޗޯހަން އަދި މަނޯޖް ޕަހްވާ ހިމެނެ އެވެ. މީގެ އިތުރުން ވަރަށް ގިނަ ތަރިންތަކެއްގެ ހާއްސަ ފެނިލުންތަކެއް ވެސް ސީރީޒްގައި ހިމެނޭނެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ވެސް ހިމެނެ އެވެ.