Last Updated: August 23, 18:46
Saturday, August 23, 2025
ޚަބަރު

ހަތަރު ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އަޅަން ހަވާލުކޮށްފި

ހަތަރު ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރުމަށް 3 ކުންފުންޏަކާ ސަރުކާރުން ހަވާލުކޮށްފި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ ހިލޭ އެހީ އާއި ސަރުކާރުގެ ހަރަދުގައި ފަށާފައިވާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރަން ހަމަޖެހިފައިވަނީ ކ. މާފުށްޓައި ކ. ތުލުސްދޫގެ އިތުރުން އދ. މަހިބަދޫ އަދި އދ. ހަންޏާމީދޫ ގަ އެވެ.

އެގޮތުން 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކ. ތުލުސްދޫ އަދި ކ. މާފުށީގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމުކުރުމަށް ހަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތުގެ އަގަކީ 5.8 މިލިއަން ރުފިޔާ އެވެ.

އަދި 4.2 މިލިއަން ރުފިޔާއަށް އދ މަހިބަދޫގެ ކުނި މެނޭޖުކުރާ މަރުކަޒު ސަނީ ލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެލީޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ އދ. ހަންޏާމީދޫގެ ކުނި މެނޭޖުކުރާ މަރުކަޒު ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 4.6 މިލިއަން ރުފިޔާ އަށެވެ.

މި މަސައްކަތްތަކުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒު ސޮއިކުރެއްވި އިރު ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ އިސްވެރިންނެވެ.

ކުނި މެނޭޖުކުރުމަށް ބޭނުންވާ ބައެއް އާލާތްތައް މީގެކުރިން މި ރަށްތަކުގެ ކައުންސިލުުކާ ހަވާލުކޮށްފައިވެ އެވެ. އޭގެތެރޭގައި ކުނި އުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ ހިމެނެ އެވެ.