Last Updated: July 9, 20:21
Thursday, July 9, 2026
ޚަބަރު

ޒަކާތާގުޅޭ މޯބައިލް އެޕެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނަކީ ޒަކާތު ހައުސްގެ ޚިދުމަތްތަކާއި މަޢުލޫމާތުތައް އެއްތަނަކުން ފަސޭހައިން އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤުސަދު ހެދުމަށް ހަމަޖެހިފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.

މި އެޕްލިކޭޝަންގެ މަސައްކަތް ނިމުމުން މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ޒަކާތް ދައްކަން ޖެހޭ ވަރު ހިސާބު ކުރެވޭނެ އިންތިޒާމާއި، ޒަކާތާއި ގުޅޭ އޮންލައިން ލައިބްރަރީއަކާއި ޒަކާތު ހައުސްއިން ދެމުންދާ ޚިދުމަތްތައް އާއްމުންނަށް ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފަ އެވެ. މިކަމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން އަންނަ ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން https://forms.office.com/r/9pdRWwVL4J
މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހެ އެވެ.

އަންދާސީ ހިސާބު ހުށަހެޅުން އަންނަ މަހުގެ ދެވަނަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.