ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އެއް ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނބުރާ ފޮނުއްވައިފި އެވެ.
މި ބިލަކީ، މި މަހުގެ 6 ވަނަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.
ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިފައިވާތީ ކަމަށެވެ.
ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ޤާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިޞްލާޙު ގެންނަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ މި ބިލު އިސްލާޙްކުރުމަށް އެ މަނިކުފާނު ނިންމެވީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ހުށަހެޅުއްވި ބިލުގައި ވަނީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނި ކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ހިމަނާފަ އެވެ. އެގޮތުން، ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް ވަނީ ގާނޫނަށް އިތުރުކޮށްފަ އެވެ. މީގެކުރިން ގާނޫނުގައި އޮންނަނީ ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެކެވެ.
މި ގާނޫނަށް އިތުރުކުރާ މާއްދާގައި ބުނެފައިވަނީ ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނި ކުރުމަށް ހުއްދަށް އެދި ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައި ކަމަށެވެ. އަދި އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ، އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހުގައި ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން، ތެލަސީމިއާ އެންޑް ހިމޮގްލޮބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ޝަރުތުތައް މުރާޖައާ ކުރުމަށާއި އެ މަގާމުގެ މަސްއޫލިއްޔަތުތައް ގާނޫނުގައި ބަޔާންކުރުންވެސް ބިލުގައި ހިމަނާފައިވެ އެވެ.