Last Updated: June 6, 11:01
Saturday, June 6, 2026
ޚަބަރު

އޭއައި ޓެކްނޮލޮޖީ ވައިގައި ހިފާފައިވަނިކޮށް އޭއައި ޑިގްރީއެއް!

މިދިޔަ ހުކުރު ދުވަހު ބޭއްވުނު ހަފްލާއެއްގައި މިއާންޒް ކޮލެޖުން ވަނީ ރާއްޖޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް އެންޑް މެޝިން ލާރނިންގއަށް ޚާއްޞަ ބެޗެލަރސް ޑިގްރީ ތަޢާރަފުކޮށްފައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އާންމު ދިރިއުޅުމާއި މަސައްކަތުގެ ބައެއްކަމުގައި އޭ.އައި ވަމުންދާއިރު، މިއީ ދިވެހިރާއްޖޭގައިވެސް މިދާއިރާގެ މާހިރުން ތަމްރީންކުރުމަށް ލިބޭ ފުރުޞަތެކެވެ. ތިންއަހަރުގެ ބީއެސްސީ (ބެޗެލަރ އޮފް ސައިންސް) ޕްރޮގްރާމުގައި ކޮމްޕިއުޓަރ ސައިންސްގެ އަސާސީ މަޢުލޫމާތާއި، ޒަމާނީ އޭ.އާއި މައުޟޫތަކާއި އަދި ކެޕްސްޓޯން ޕްރޮޖެކްޓެއް ހިމެނެއެވެ. މިއާންޒް ކޮލެޖުންވަނީ މިކޯހުގައި ކްލާސްރޫމްގައި އަދި އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތު ވެސް ހުޅުވާލާފައެވެ.

ފާއިތުވި ދެއަހަރު ތެރޭގައި ވަނީ އޭ.އައި ބޭނުންކުރާ މިންވަރު ވަރަށް ހަލުވިކަމާއިއެކު ނުހަނު ބޮޑުވެފައެވެ. މެކިންސީ ގްލޯބަލް ސާރވޭއިން ދައްކާގޮތުން 2024ވަނަ އަހަރު ނިމެންވީ އިރު 78% ކުންފުނިތަކުން ވަނީ ޖެނެރަޓިވް އޭ.އައި ބޭނުންކޮށްފައެވެ. މިއީ އެއަހަރު ފެށުނުއިރާ ބަލާފައި 65%ގެ އިތުރުވުމުކެވެ. ވިޔަފާރިތަކުން އަންނަނީ މާރކެޓިންގ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އޮޕަރޭޝަންސް އަދި ޕްރޮޑަކްޓް ޑިވެލޮޕްމެންޓުގައިވެސް އޭ.އައިގެ ބޭނުން ހިފަމުންނެވެ.

ވަޒީފާގެ ބާޒާރައް ނުރައްކަލެއް؟

ހަލުވި ދުވެއްޔެއްގައި އޭ.އައި ތަޢާރަފުކުރެވެމުންދާއިރު މީގެ ސަބަބުން ވަޒީފާތަކާއި އުފެއްދުންތެރިކަމަށް ހުރި ނުރައްކަލުގެ ބަހުސްތަކެއް ދަނީ އުފެދެމުންނެވެ. އޯ.އީ.ސީ.ޑީގެ ދިރާސާއަކުން ދައްކާގޮތުން ގާތްގަޑަކަށް 25% މަސައްކަތްތެރިންގެ މަސައްކަތުގެ މަދުވެގެން ފަސްބައި ކުޅަ އެއްބައި މަސައްކަތް އޭ.އައި ބޭނުންކޮއްގެން އަވަސްކުރެވޭނެއެވެ. އަދި މީގެ އަސަރު އެކި ސިނާޔަތްތަކަށް އަދި އެކި ވަޒީފާތަކަށް އެކިވަރުވަރުން ކުރާނެއެވެ. ކޮންމެ ގޮތެއްވިޔަސް މިއީ މިހާރު ހުއްޓުވޭނޭ އެއްޗެއްނޫނެވެ. އާދާއިގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ ވަޒީފާތައް އޭ.އައި އަކުން ނަގާކަމުގައިވާނަމަ ހަމަގައިމުވެސް އެ ޕްރޮގްރާމްތައް ލިޔެ، ތައްޔާރުކޮށް އަދި ބަލަހައްޓާނޭ މީހުންގެ ވަޒީފާތަކެއް އުފެދިގެންދާނެއެވެ. މިހެންކަމުން އޭ.އައި ދާއިރާގެ އިންސާނީ ވަޞީލަތް ބިނާކުރުން މިހާރު މިވަނީ ޤައުމަށް ވަރަށްވެސް މުހިންމު ކަމަކަށް ވެފައެވެ.

މިއަންޒް ކޮލެޖުގެ އާޓިފިޝަލް އިންޓެލިޖެންސް އެންޑް މެޝިން ލާރނިންގ ބީއެސްސީ ޑިގްރީގައި ހިމެނެނީ 6 ސެމެސްޓަރުގެ މައްޗަށް ބެހިފައިވާ 360 ކްރެޑިޓެވެ. މި ކޯހުގައި ފުރަތަމަ ފަށާނީ ޕްރޮގްރާމިންގ (ޕައިތަން އަދި ސީ++), ޑޭޓާ ސްޓްރަކްޗަރސް، ޑޭޓާބޭސްތައް، ޑިސްކްރީޓް މެތެމެޓިކްސް، ކެލްކިއުލަސް އަދި ސްޓެޓިސްޓިކްސްއިންނެވެ. ދެން ކުރިއަށްދާނީ މެޝިން ލާރނިންގ، ޑީޕް ލާރނިންގ، ކޮމްޕިއުޓަރ ވިޝަން، ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިންގ، ބިގް ޑޭޓާ އެނަލިޓިކްސް އަދި އެޑްވާންސްޑް އެލްގޮރިދަމްސްއަށެވެ. އަދި ނިންމާލާނީ 30 ކްރެޑިޓްގެ ކެޕްސްޓޯން ޕްރޮޖެކްޓަކުންނެވެ. ރިސާރޗް މެތަޑްސް އަދި "ވަރކް ސްކިލްސް އެންޑް އެމްޕްލޯޔަބިލިޓީ" މޮޑިއުލްތަކުގެ މަޤްޞަދަކީ ގްރެޖުއޭޓުން ޢަމަލީ މަސައްކަތްތަކަށް ތައްޔާރުކުރުމެވެ. މި ކޯސް ފަރުމާކުރެވިފައިވަނީ ކްލާސްރޫމް ކިޔަވައިދިނުމާއި އީ-ލާރނިންގ އެއްކޮށްލައިގެންނެވެ. މިގޮތުން އަތޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށްވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި އައު ޑިގްރީ ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގައި އޭއައި ދާއިރާއަށް ބޭނުންވާ ހުނަރުވެރި މީހުން އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާއަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެކެވެ. މި ކޯހުން ގްރެޖުއޭޓްވާ ދަރިވަރުންނަށް ރާއްޖޭގެ އެކި ދާއިރާތަކުގައި އޭއައި ޓެކްނޮލޮޖީ ތަޢާރަފުކޮށް، ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެއެވެ.

މިކޯހާއި ބެހޭގޮތުން ވާހަކަދައްކަވަމުން މިއާންޒް ކޮލެޖުގެ ވައިސް ރެކްޓަރ ޑރ.ޝަހީމާ ވިދާޅުވީ، "އަޅުގަނޑުމެން މިކޯސް ތަޢާރަފް ކުރުމަށް މަސައްކަތްކުރާތާ މިހާރު ދެއަހަރެއް ވެއްޖެ. މިކަމުގެ އަމާޒަކީ ދިވެހީންނަކީ ހަމައެކަނި އޭ.އައި ބޭނުންކުރާ ބަޔަކަށް ނުވެ، އޭ.އައި އުފައްދާ ބަޔަކަށް ވުން. ބޮޑުތަކުރުފާނު ވިދާޅުވެފައިވާ ފަދައިން މީހުން މީހުންނަށް ވާނީ، މީހުން މީހުންނަށް ހެދީމަ."

އަޅުގަނޑުމެން ފަދަ ކުޑަ ސާރިވިސް އިކޮނޮމީއެއް އޮންނަ ޤައުމެއްގައި އޭއައި ދާއިރާގެ ހުނަރުވެރިން ތަމްރީންކުރުމުގެ ޤާބިލްކަން ލިބުމުން ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު މަދުކުރެވި، ރާއްޖޭގެ އިދާރާތަކަށް ޒިންމާދާރު ގޮތެއްގައި އޭއައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ އޭއައި ގަވަރނަންސް އަދި ލިޓަރަސީ ބިނާކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާ އެއްގޮތްވާ ކަމެކެވެ. އޭއައި އިތުރަށް ކުރިއަރައި، ލިޔުމުގެ އެހީތެރިން، ތަރުޖަމާކުރުން، ފޮޓޯ އުފެއްދުން އަދި ސޮފްޓްވެއަރ ކޯޕައިލެޓުންފަދަ ކަންކަމުގައި އާންމުވަމުންދާއިރު، ގިނަ ޤައުމުތަކުގައި މިހާރު އުފެދޭ ސުވާލަކީ އޭއައި ކިޔަވައިދޭންވީތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އޭގެ ބަދަލުގައި އުފެދޭ ސުވާލަކީ އެންމެ ރަނގަޅަށް އޭއައި ކިޔަވައިދޭނީ ކިހިނެއްތޯއެވެ.