ރާއްޖޭގެ ރަށްތަކުގައި ލޯކަލް ޓޫރިޒަމް ދީނީ ހަމަތަކުގެ ތެރެއިން ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ގެންދަނީ މީހުން ދިރިއުޅޭ ރަށްތަކުގައި ކަމަށާއި އެގޮތުން މި އިންޑަސްޓްރީގެ ތެރެއިން އިސްލާމްދީން ހުއްދަނުކުރާ އަދި ދިވެހިންގެ މާހައުލުގެ ތެރޭގައި ހިނގައިގެން ނުވާނެ ކަންކަމުގެ ތެރެއަށް ކުޑަކުދިންނާއި އާއިލާތައް ވަދެގެން ދިޔުމަށް ފުރުސަތު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ލޯކަލް ޓޫރިޒަމް ކުރިއަށްގެންދަން ވާނީ ގާނޫނުތައް ގަވާއިދުތައް ހުއްދަދޭ ގޮތަށް ކަމަށާއި ރިސޯޓުތަކާއި ސަފާރީތަކުގައި ކުރެވޭ ކަންކަން ރަށްތަކުގައި ނުކުރެވޭނެކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި މުއްސަނދިކަން ހޯދުމުގެ ބޭނުމުގައި އިސްލާމްދީން ހުއްދަނުކުރާ ދިމަ ދިމާލަށް ދާން ވިސްނާނަމަ އެއީ އަމިއްލައަށް މުސްތަގުބަލު ހަލާކުކޮށްލުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދާއިރުގައި މި އިންތައް ހިފަހައްޓަން ވަރަށް ބޮޑަށް ވިސްނަންޖެހޭ. އަޅުގަނޑުމެންގެ އަގީދާ، މާތްވެގެންވާ އިސްލާމްދީން ބުނެދޭ ހަމަތަކުގެ މަތިން މުއްސަނދިކަން ހޯދަން މަސައްކަތް ކުރީމަ މާތްﷲ އެކަމުގައި ބަރަކާތް ލައްވާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މާތްﷲ ނުރުއްސަވާ މަގަކުން ހޯދާ މުއްސަނދިކަމެއްގައި ބަރަކާތެއް ނޯންނާނެ ކަމަށާއި މުއްސަނދިކަން ހޯދުމަށް މަސައްކަތެއް ކުރާއިރު އެ މަސައްކަތެއް ކުރެވެނީ ރަނގަޅު މަގުގައިތޯ ބަލަންޖެހޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ދީނީ އަދި ރީތި ހަމަތަކުގެ މަތިން ލޯކަލް ޓޫރިޒަމް އިންޑަސްޓްރީގައި ބާރަށް ކުރިއަށްދާންވީ ކަމަށާއި މި ސަރުކާރުން އެކަމަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.