އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓްގެ މަޝްރޫއެއް ހިންގުމަށް މިއަހަރު ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އުކުޅަހުގެ ރައްޔިތުންނަށް އެންމެ މުހިއްމީ ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުން ކަމަށާއި އެގޮތުން އުކުޅަހުގެ ލޭންޑްޔޫސް ޕްލޭން ފާސްކުރާނީ 250 ގޯތި ދެވޭ އިސްލާހުކުރުމަށްފަހު ކަމަށެވެ.
އަދި އަންނަ ހަފްތާތެރޭގައި އެ 250 ގޯތި ދޫކުރުމުގެ ހުއްދަ އުކުޅަހު ކައުންސިލަށް ދޭނެ ކަމަށާއި ކައުންސިލުން ވެސް އެ ގޯތިތަކަށް އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން އުކުޅަހުގައި ހައުސިން ޔުނިޓް އަޅަން ކަނޑައަޅާފައި ހުރި ޖާގަތަކުގެ ތެރޭގައި 50 ހައުސިން ޔުނިޓުގެ މަޝްރޫއެއް މިއަހަރު ބަޔަކާ ހަވާލުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއުގެ މަސައްކަތް ވަރަށް ގާތުން ސަރުކާރުން ބަލައި، ބާރު ސްޕީޑުގައި ގެންދޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކި ފިޔަވަހިތަކަށް ބަހާލައިގެން އުކުޅަހުގައި ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.