ކްރިސްޓަލް ޕެލެސްއަށް ކުޅެމުން އައި އިނގިރޭސި މިޑްފީލްޑަރު، އެބްރެޗީ އެޒޭ ގެންދަން ޓޮޓެންހަމުން މަސައްކަތް ކުރަމުންދަނިކޮށް، އާސެނަލުން އެ ޑީލް ހައިޖެކްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެޒޭ ،27، ގެންދަން ޓޮޓެންހަމުން މަސައްކަތް ކުރަމުންދަނިކޮށް އާސެނަލް އިން އެ ޑީލްގެ ތެރެއަށް ވަދެފައިވަނީ، އާސެނަލްގެ ފޯވާޑް ކައި ހަވެޓްޒް އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމާ ގުޅިގެންނެވެ.
އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާގޮތުން 60 މިލިއަން ޕައުންޑުގެ އަގަކަށް އެޒޭ ގެންނަން އާސެނަލުން މިހާރު ވަނީ ޕެލެސްއާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އެޒޭ ވެސް އާސެނަލަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށާއި މި ހަފްތާ ތެރޭގައި މި ޓްރާންސްފާގެ ކަންކަން އެއްކޮށް ނިމޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އާސެނަލްގެ އެކެޑެމީގައި އަހަރުތަކެއް ހޭދަކުރި އެޒޭގެ ފަރާތުން މިދިޔަ ސީޒަނުގައި ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި ޕެލެސްއަށް ކުޅެދިން 43 މެޗުގައި 14 ގޯލު ކާމިޔާބުކޮށްދި 11 އެސިސްޓް ހަދައިފަ އެވެ.
މީގެއިތުރުން މެންޗެސްޓާ ސިޓީ 1-0 އިން ބަލިކޮށް ޕެލެސް އަށް އިނގިރޭސި އެފްއޭކަޕް ކާމިޔާބުކޮށްދިން ގޯލުވެސް ކާމިޔާބުކޮށްދިނީ އެޒޭ އެވެ. އޭނާ ޕެލެސްއާ ގުޅުނީ 2020 ވަނަ އަހަރު ކިއުޕީއާރުންނެވެ.