Last Updated: August 21, 09:11
Thursday, August 21, 2025
ޚަބަރު

އަތޮޅު ކައުންސިލްތައް އުވާލަނީ ކާމިޔާބު ނުވާނެކަން ޔަގީންވުމުން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އަތޮޅު ކައުންސިލްތައް އުވާލަން ނިންމީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެއްވެސް އަތޮޅެއްގެ ކައުންސިލެއް ކާމިޔާބު ނުވާނެކަން ސަރުކާރަށް ޔަގީންވުމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށްޓަކާ ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމީ އެއްވެސް އަތޮޅު ކައުންސިލެއް ކާމިޔާބު ނުވާނެކަން ޔަޤީންވުމުންނެވެ. އަދި މިއީ ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަނިޔާވެރިކަން އިސްކޮށް ގަދަބާރުން ކަންކަންކުރުމަކީ މިއަދުގެ ދުނިޔެ ބަލައިގަންނަ ކަންކަމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.

އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރި ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން ކަމަށާއި ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށާއި މަޖިލީހުގެ ޖަލްސާތައް ދެން ފެށުމުން އެކަމާ ގުޅޭ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު، އަތޮޅު ކައުންސިލެއް ހޮވަން ވޯޓެއްލާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށާއި އެގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ސީދާ ދެން މަސައްކަތް ކުރާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ކަމަށެވެ. މިކަން ކުރުމަށް އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުން ބާރުވެރިކުރުވަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރަށް ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމާ ގުޅޭ ބިލުވެސް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.