Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

ތިލަފުށީ ޕޯޓްގެ މަސައްކަތް އަމީން ބައްލަވާލައްވައިފި

ކ. ތިލަފުށީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތަރައްގީ ކުރަމުން އަންނަ އާ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައްލަވާލައްވައިފި އެވެ.

މިނިސްޓަރު އެ މަސައްކަތް ބައްލަވާލެއްވީ މި މުހިންމު އިޤްތިޞާދީ މަޝްރޫޢުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ ސްޕީޑާއި ކުރިއެރުން ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރގެ ޒިޔާރަތުގައި މަޝްރޫއަށް މި ވަގުތު ކުރިމަތި ހުރި ގޮންޖެހުންތަކާއި ކުރިއަށް އޮތް މަރުޙަލާތަކާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރެއްވިއެވެ.

‎މިނިސްޓަރު އަމީންގެ ދަތުރުގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާނާއި އަދި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ތިލަފުށީގައި ހަދަމުން އަންނަ ޕޯޓަކީ، ރާއްޖޭގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ މުހިންމު މަޝްރޫޢެކެވެ. މި ޕޯޓްގެ ސަބަބުން މިހާރު މާލޭ ބަނދަރަށް އޮތް ބާރު ކުޑަވެ، މުދާ ހިފައިގެން އަންނަ ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ގާބިލިއްޔަތުކަން އިތުރުވެގެން ދާނެ އެވެ.

މީގެ އިތުރުން މުދާ ބޭލުމާއި ރައްކާކުރުމުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ބައްޓަންކުރެވޭނެ އެވެ.

‎އަމީން ވިދާޅުވީ، މި ޕޯޓްގެ މަސައްކަތް އަވަސް ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އަދި މި ޕޯޓް ހުޅުވުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.