Last Updated: August 23, 22:42
Saturday, August 23, 2025
މުނިފޫހިފިލުވުން

އައްލޫގެ ފިލްމަށް ދީޕިކާ ނުކުންނާނީ ނޮވެމްބަރުގައި

އެޓްލީ އާއި އައްލޫ އަދި ދީޕިކާ

މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުން ހިމަނައިގެން ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދަމުން އަންނަ ފިލްމުގެ ޝޫޓިން އަށް ބަތަލާ ދީޕިިކާ ޕަދްކޯން ނުކުންނާނީ ނޮވެމްބަރު މަހުގެ ތެރޭގައި ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ނަން އިއުލާން ނުކޮށް ޝޫޓިން ކުރިއަށް ގެންދާ ފިލްމަށް ދީޕިކާ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މި ފިލްމަކީ އޭނަގެ ވަރުގަދަ އެކްޝަންތަކާއި ސްޓަންޓްތަކެއް ވެސް ހިމެނޭނެ ފިލްމެއް ކަމަށެވެ. އެގޮތުން ނޮވެމްބަރު މަހުގެ ތެރޭގައި އޭނަ ކްރޫއާ ގުޅޭ އިރު، މީގެ ޝޫޓިން އަށް ދީޕިކާ 100 ދުވަސް ދޭނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އޭނަ އަކީ ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ ކާސްޓްގައި ވެސް ހިމެނޭ ތަރިއެކެވެ. އެ އެކްޝަން ތުރިލާގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ދާދި ފަހުން ނިންމާލައި، ދެވަނަ ޝެޑިއުލް އަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ޝާހްރުކް މި ހަފުތާގެ ތެރޭގައި ފޭނުންނާ އެކު އެކްސްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި ބުންޏެވެ.

"ކިންގް" އަކީ އަލަތު ދަރިފުޅު ވިހެއުމަށް ފަހު، އެކްޓަރު ރަންވީރު ސިންގުގެ އަންހެނުން ދީޕިކާ ކުޅެން ފެށި ފުރަތަމަ ފިލްމެވެ.

އައްލޫގެ ފިލްމަށް އޭނަ ތައްޔާރީތަައްވަމުން އަންނަ އިރު، މި ފިލްމުގެ ޝޫޓިން އެެެއްކޮށް ނިންމާލަން ޕްލޭންކޮށްފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އައްލޫ، ޔަފާތި ތިން ކެރެކްޓާއެެއް ކުޅޭ ފިލްމުގެ ކާސްޓްގައި ޖާންވީ ކަޕޫރާއި މުރްނާލް ތާކޫރާއި ރަޝްމިކާ މަންދަނާ ވެސް ހިމެނޭނެ އެވެ.

އެކަމަކު އެއިން ވެސް ތަރިއަކު ފިލްމަށް ނެގިކަން އަދި މިހާތަނަށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ރަޝްމިކާ އަކީ އައްލޫގެ "ޕުޝްޕާ" ގެ ބަތަލާކަމެވެ.

އެޓްލީގެ މި ފިލްމަކީ އޭނަ، ދީޕިކާއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޝާހްރުކް ޑަބަލް ރޯލެއް ކުޅުނު 2023 ގެ "ޖަވާން" އެވެ. އެ ފިލްމުން މި އަހަރު ޝާހްރުކަށް އަލަށް ނެޝަނަލް އެވޯޑް ވެސް ކަށަވަރުވެފައިވެ އެވެ.

ޕިންކްވިލާ އިން ބުނީ އިންޑިއާގެ ސިނަމާ އަށް މުޅިން އާ ރަހަތަކެއް ގެނެސްދޭން އެޓްލީ ބޮޑު ބަޖެޓަކުން ހަދާ ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ 2027 ގެ މެދުތެރޭގައ ކަމަށެވެ.

ރިޕޯޓްްތައް ބުނާ ގޮތުން "ކިންގް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ހިސާބުގަ އެވެ.