Last Updated: August 23, 22:42
Saturday, August 23, 2025
ޚަބަރު

އެކްއަކަލްޗާ އަށް ފަޅުރަށްތައް ދޫކުރަން ހުޅުވާލައިފި

ބ. އަތޮޅުގެ ފަޅުރަށެއް. ފޮޓޯ/ އާޒިމް ޙާލިދު

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ސިންދަފާތު ކުރަން ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އެކުއަކަލްޗާ އަށް ފަޅު ރަށްރަށާއި އެ ރަށްރަށުގެ ފަޅާއި ފަރުތައް ކުއްޔަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ އެކްއަކަލްޗާއާ ގުޅުން ހުރި މަސައްކަތްތަކަށް ރަށްރަށް ފުރަތަމަ ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ 21 އަހަރަށް ކަމަށެވެ.

މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ބީލަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ރަށް ނުވަތަ އެކަހެރި ފަޅުތައް އަމިއްލަ އަށް ބަލައި ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ. އަދި ބީލަން ހުށަހަޅާ ފަރާތުން އެފަދަ ދިރާސާއެއް ކުރަން ބޭނުންވާ ނަމަ، އެ މިނިސްޓްރީން ދޫކުރާ ޒިޔާރަތްކުރުމުގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

އެކަމަކު ރަށް ނުވަތަ ފަޅުގެ ދިރާސާ ނުކުރިޔަސް ބީލަން ބާޠިލެއް ނުވާނެ އެވެ.

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ ނޮވެމްބަރު 6 އާ ހަމައަށެވެ. ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 އާ ހަމައަށެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ 20،000ރ. އެވެ.

މި ބީލަމާ ގުޅޭ ޕްރީ-ބިޑް މީޓިން އޮންނާނީ އަންނަ މަހުގެ 22 ގަ އެވެ. އޭގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 21 ގެ މެންދުރު 12:00 ގެ ކުރިން މި އީމެއިލް pec@fisheries.gov.mv މެދުވެރިކޮށެވެ.