އަލީ ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓާ 1" ގައި އޭނަ ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރެއް ދައްކާލައިފި އެވެ.
އެ މޯޝަން ޕޯސްޓަރުގައިވާ ގޮތުން ފިލްމުގައި ސީޒަންގެ ނަމަކީ އަމީން އެވެ.
އަންނަ އަހަރުގެ ސިނަމާ އަށް ގެންނަން ހަމަޖެހިފައިވާ "ޕަރީ" އަކީ ސްރީ ލަންކާގައި ދިރިއުޅޭ އާއިލާއަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. އެ ގައުމުގެ ކާސްޓުންތަކެއް ވެސް ފެންނާނެ ފިލްމުން ޝީލާ ނަޖީބާއި ޖުމައްޔިލް ނިމާލު އަދި އައިޝަތު ރިޝްމީ ފަދަ ރާއްޖޭގެ މަޝްހޫރު ތަރިންތަކެއް ވެސް ފެންނާނެ އެވެ.
"ޕަރީ" އެންމެ މުހިއްމު ރޯލަކުން ފެންނާނީ ލަމްޝާ ކިޔާ އަންހެން ކުއްޖެކެވެ. ސީޒަން ބުނި ގޮތުގައި ފިލްމުގެ ވާހަކަ އެނބުރޭނީ އެ ކުއްޖާގެ ވަށައިގެންނެވެ.
ދާދި ފަހުން މާލޭގައި "ޕަރީ" ލޯންޗްކުރަން ބޭއްވި ހަފުލާގައި ސީޒަން ބުނީ ފިލްމުގެ ޝޫޓިންގެ ބޮޑު ބައި އޮތީ ނިމިފައި ކަމަށެވެ. އެގޮތުން އެޑިޓިން މަރުހަލާގައި މިހާރު އޮތް ފިލްމުގައި މާލޭގައި ނަގަން ޖެހޭ މަންޒަރުކޮޅަކާއި މ. މުލަކުގައި ނަގަން ޖެހޭ މަންޒަރުތަކެއް ނެގުމުން ފިލްމުގެ ޝޫޓިން އެއްކޮށް ނިމުނީ ކަމަށް ބުންޏެވެ.
ސީޒަން ބުނީ އަންނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ކަމަށެވެ. އެކަމަކު އޮލިމްޕަހުން ތާރީހެއް ލިބުން ތާށިކޮށް އުޅޭތީ، ފިލްމު އަޅުވާނެ ވަކި ތާރީހެއް އަދި ނުނިންމާ ކަމަށް ބުންޏެވެ.